މިއަހަރު ފަހުކޮޅު ފީފާއިން ބާއްވަން މަސައްކަތް ކުރާ ފީފާ އާސިއާން ކަޕްގައި ވާދަކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.
އޭޝިއާގެ ދެކުނު އިރުމަތީ ގައުމުތައް ކަމަށްވާ އާސިއާން ގައުމުތަކަށް ހާއްސަކޮށް ފީފާއިން ބާއްވަން ގަސްދުކޮށްފައިވާ މުބާރާތް ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. އެއީ ކުއަލަ ލަމްޕޫރުގައި ބޭއްވި 47 ވަނަ އާސިއާން ސަމިޓްގެ ތެރެއިންނެވެ.
އޭގެފަހުން އެ މުބާރާތުގެ ވާހަކަ މާބޮޑަށް ނުދެވި އޮތުމަށްފަހު، އިންޑިއާ މުބާރާތުގައި ބައިވެރިވާނެކަން އިއުލާނުކުރީ އިއްޔެއެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެމް ސަޓްޔަނާރަޔަން ވިދާޅުވީ އިންޑިއާއިން ފީފާގެ ހުށަހެޅުން ގަބޫލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އެ މުބާރާތުގައި ޗައިނާ ކުޅުވަންވެސް ފީފާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމާއެކު މުބާރާތުގެ ވިއުވާޝިޕް އިތުރުވާނެ ކަމަށް ވިސްނައިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.
ސައުދީ އަރަބިއާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާން އިންޑިއާއިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ އިރު، އެގައުމުން އެކުވެރިކަމުގެ މެޗުތަކަށްވެސް ރަނގަޅު ވާދަވެރި ޓީމުތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. އެގޮތުން މިމަހު ފަހުކޮޅު ލަންޑަނުގައި އޮންނަ ޔުނިޓީ ކަޕްގައި ޖެމެއިކާއާ ދެކޮޅަށް ކުޅެން މިހާރު އޮތީ ރާވައިފައެވެ. އަދި މޮޅެއް ހޯދައިގެން ކުރިއަށް ގޮސް، ނައިޖީރިއާއާ ދެކޮޅަށް ނުކުތުމަށްވެސް އެ މުބާރާތުން ފަހިވާން އެބައޮތެވެ.
އިންޑިއާއިން އާސިއާން ކަޕްގައި ކުޅެން އެއްބަސްވެފައިވާ އިރު، ބެލެވޭ ގޮތުގައި އެ މުބާރާތް އޮންނާނީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރުވާ ފީފާ ވިންޑޯގައެވެ. އެއީ ސެޕްޓެމްބަރު، އޮކްޓޯބަރު މަހުގެ ތެރެއަށެވެ. އެހެންކަމަށްވާނަމަ އިންޑިއާއިން ސާފްގައި ކުޅޭނެތޯ އެއީ އުފެދޭ ސުވާލެކެވެ.
ހާއްސަކޮށް އާސިއާން ރީޖަންގެ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބޭ ފުރުސަތަކީ އެގައުމަށް މުހިއްމު ފުރުސަތެއް ކަމަށް ނޫސްތައް ބުނެފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ