މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، މާކެޓުގައި ދައުރުވަމުންދިޔަ ތިން ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދައިފިއެވެ.

މިއީ ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މަތިވަމުންދާތީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން އަޅަން ފަށައިފައިވާ ފިޔަވަޅުތަކެވެ. ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް އެމްއެމްއޭއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައިވާ ފައިސާގެ އަދަދުކަމަށް ތަފާސްހިސާބުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވިކަމަށް އެމްއެމްއޭއިން ބުންޏެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ، އެމްއެމްއޭއިން ވަނީ މަނީ އެކްސްޗޭންޖް ގާނޫނަށް ބަދަލު ގެނެސް، ޓޫރިޒަމް ދާއިރާއިން ވަންނަ ޑޮލަރުގެ ބައެއް ރާއްޖޭގެ ބޭންކްތަކުގައި މާރު ކުރަން މަޖުބޫރުކޮށްފައެވެ، އެ ބަދަލު ގެނައީ ބޭރު ފައިސާގެ ރިޒާވް އިތުރުކޮށް، އެކްސްޗޭންޖް ރޭޓަށް އަންނަ ޕްރެޝާ ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އެ ބަދަލާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާއިރު، ސަރުކާރުން ދައްކަން ޖެހުނު ސުކޫކަށްވާ ފައިސާވެސް މިދިޔަ މަހުގެ ތެރޭގައިވަނީ ދައްކައި ހަލާސްކޮށްފައެވެ.