ހަނގުރާމަ ނިމޭން އުޅޭކަމުގެ އިޝާރާތްތަކާއެކު ތެލުގެ އަގު މަޑުމަޑުން ދަށްވާން ފަށައިފިއެވެ.

އެމެރިކާއާއި އިރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ މަސައްކަތް ކާމިޔާބު ވާކަމުގެ އިޝާރާތްތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ ސްޓޮކް މާކެޓުގައި އަގުތައް އުފުލެން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަށްވެ ފީފާއެއްގެ އަގު ވަނީ 97 ޑޮލަރަށް ވެއްޓިފައެވެ. 101 އެމެރިކާ ޑޮލަރުގައި ހުރި ތެލުގެ އަގު 97 ޑޮލަރަށް ވެއްޓިފައިވާއިރު ނިމިދިޔަ ހަފުތާގައި ސާފު ނުކުރާ ތެލުގެ އަގު ހުރީ ފީފާއެއް 108 އެމެރިކާ ޑޮލަރަށެވެ.

އެމެރިކާއިން ޔަހޫދީންނާ ގުޅިގެން ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަހު އިރާނަށް ހަމަލާދީ ހަނގުރާމަ ފެށުމުގެ ކުރީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 އެމެރިކާ ޑޮލަރަށެވެ.

އިރާނުގެ ފޮރުން މިނިސްޓްރީގެ ތަރުޖަމާނު އެގައުމުގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވަނީ އެެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުން ބަލައި ނިންމާން ޖެހޭ ކަންކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ހީނަރުކަން އައީ ހަނގުރާމަ ފެށުމާއެކު އިރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށް މެދުއިރުމަތިން ތެޔޮ ދަތުރުކުރާ މައި މަގު ބަންދުކުރުމާ ގުޅިގެންނެވެ.