ފ. ފީއަލި ބޯޓުތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.

ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެހާދިސާގައި ދެ މީހަކު ފިހުނެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. ތެޔޮ ދޯނީގައި މަސައްކަތް ކުރި ބިދޭސީ މީހާއަކީ ބަންގްލަދޭޝްގެ މީހަކެވެ.

އޭނާ ވަރަށް ބޮޑަށް ފިހިގެން އެރަށު ސިއްހީ މަރުކަޒުގައި އެދުވަހު ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ ވަނީ ހަމަ އެދުވަހު މާލެ ގެނެސް އަވަސް ފަރުވާދީފައެވެ.

ފުލުހުން މިއަދު ބުނީ އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ހަޑިގަނޑު މިދިޔަ އަންގާރަ ދުވަހު ގައުމަށް ފޮނުވާލައިފާއިވާ ކަމަށެވެ.

ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދައިފައެވެ.