ޑޮނަލްޑް ޓްރަމްޕު މަރާލަން 2024 ވަނަ އަހަރުގެ ޖުލައި ތޭރަވަނަ ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގައި ކޮންމެވެސް މީހަކު ބަޑިން ހަމަލަދީފައިވެއެވެ. ޓްރަމްޕަކީ އޭރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރަމުންދިޔަ ކެންޑިޑޭޓެކެވެ. އުމުރުން ވިހި އަހަރުވީ ތޯމަސް ކްރޫކް ފޮނުވައިލި އުންޑަތަކުގެ ތެރެއިން އެއް އުންޑަ ދިޔައީ ޓްރަމްޕުގެ ކަންފަތުގެ އެއްބައި ހިފައިގެންނެވެ. ޓްރަމްޕު މަރެއް ނުވިއެވެ. އެކަމަކު ހަމަލަދިން މީހާ ހިމަނައިގެން ދެ މީހަކު މަރުވިއެވެ. އިތުރު ދެމީހަކު ސީރިއަސްކޮށް ޒަޚަމްވެފައިވެއެވެ. މިއީ ޓްރަމްޕު މިދުނިޔެއިން ވަކިކޮށްލުމަށް ދެވުނު ހަމަލައެކެވެ. އެކަމާމެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރެއެވެ. ޓްރަމްޕުގެ ޓީމުން ކުޅުނު ޑްރާމާއެކޭވެސް ނުބުނެއެވެ. އެ ހަމަލައިން ނުކުތް ނަތީޖާއަކީ ޓްރަމްޕާމެދު އާއްމުންގެ ތެރޭގައި ހަމްދަރުދީގެ ވަރުގަދަ އޮއިވަރެއް އުފެދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް އޭގެ ދެދުވަސް ފަހުން އޭނާއަށް ލިބުމެވެ.

މިދެންނެވި ހަމަލައަށް ދެމަސް ފަހުން ސެޕްޓެމްބަރު ފަނަރަވަނަ ދުވަހު އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ޓްރަމްޕު މަރާލަންވެސް މީހަކު ވަނީ އުޅެފައެވެ. އުމުރުން 58 އަހަރުގެ ރަޔަން ވެސްލީއެވެ. ޓްރަމްޕުގެ އަމިއްލަ ގޮލްފު ކޯހުގައި އޭނާ ކުޅެން ހުއްޓައި ވެސްލީގެ ބަޑި އަމާޒުކުރިތަން ފެނިފައި ޓްރަމްޕުގެ ހަށިފާރަވެރިޔަކު ވަނީ އެމީހާޔާ ދިމާލަށް ބަޑިޖަހައިފައެވެ. މިހާދިސާގައި ޒަޚަމްވީ ކުޑަ އަންހެން ކުއްޖެކެވެ. ޓްރަމްޕު ސަލާމަތްވިއެވެ. މިއީ ޝައްކާއި ވަހުމްތައް އުފެދުނު ހަމަލައެކެވެ. ޓްރަމްޕުގެ ގޮލްފު ކޯހުގެ ފުޅަށްބުޑުގައި މީހަކު ފިލައި އޮންނަތާ ބާރަގަޑިއިރު ފަހުން ލިބުނު ފުރުސަތުގައި އެންމެ އުންޑައެއްވެސް ފޮނުވައިނުލީ ކީއްވެގެން ހެއްޔެވެ. ސުވާލުތަކެއް އުފެދުނެވެ. އެކަމަކު ގިނަބަޔަކު އެވާހަކައެއް ނުދައްކައެވެ. މި ހާދިސާއިންވެސް އިތުރުވި ކަމަށް ފެންނަނީ ހަމްދަރުދީއެވެ. ސަޕޯޓެވެ. ނަތީޖާއަކަށްވީ އޭގެ އެއްމަހާއި ވިހި ދުވަސް ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައިވެސް ޓްރަމްޕަށް ކާމިޔާބު ލިބުމެވެ.

ޓްރަމްޕު މަރާލަން އަނެއްކާވެސް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެރޭ ކޮންމެވެސް މީހަކު ވަނީ މަސައްކަތްކޮށްފައެވެ. މިފަހަރު އެކަންކުރަން އުޅުނީ އުމުރުން އެއްތިރީސް އަހަރުގެ ކޯލް ތޯމަސް ކިޔުނު މީހެކެވެ. ބަޑިތަޅަމުން އޭނާ ދުއްވައިގަތް ކަމަށްވަނީ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ހިލްޓަން ހޮޓަލުގެ ލޮބީއާ ދިމާލަށެވެ. މިއީ ވައިޓްހައުސްގައި ހުރެފައި ހިނގާލާފައިވެސް ފަސް މިނިޓުން ދެވޭހައި ކައިރީގައި ހުންނަ ތަނެކެވެ. މިކަމެއް ހިނގިއިރު އެ ހޮޓަލުގައި ނޫސްވެރިންނާއި ސަރުކާރުގެ އިސްމީހުން ބައިވެރިވާ ސުފުރާއަކަށް ދިޔައީ އިންސާފު ކުރެވެމުންނެވެ. ޓްރަމްޕު ހުއްޓެވެ. އޭނާގެ ނާއިބު ޖޭޑީ ވޭންސް ހުއްޓެވެ. ދިފާއީވަޒީރު ޕީޓް ހެގްސެތުވެސް ހުއްޓެވެ. ބަޑިޖެހިމީހާގެ އަތުގައި އޮތްކަމަށްވަނީ އެންމެ ބަޑިއެއް ނޫނެވެ. ޖުމްލަ ދެބަޑި އޮތްކަމަށްވެއެވެ. ރައީސާއި އޭނާގެ ނާއިބު ހުރިތާކަށް ބަޑި ހިފައިގެން ހުރި އަޖުނަބީއަކަށް ވަދެވުނީ ކޮންގޮތަކުން ހެއްޔެވެ. އޭނާ ފޮނުވައިލި އެތައް ބައިވަރު އުންޑަތަކުގެ ތެރެއިން މީހަކަށް އަމާޒުވީ އެންމެ އުންޑައެކެވެ.

އެ އުންޑަ އަމާޒުވީވެސް ސަލާމަތީ ގާޑުންގެ ތެރެއިން މީހެއްގެ ޖެކެޓަށެވެ. އެއީ ވަޒަނަށް ތޮރުފައިނުލެވޭ ޒާތުގެ ޖެކެޓެކެވެ. ހިންދީ ފިލްމެއްގެ މަންޒަރެކޭ އެއްފަދައިންނެވެ. ސްކްރިޕްޓް ލިޔުނު މީހާ ލިޔެފައިއޮތީ ކޮންގޮތަކަށް ކަމެއް ނޭގެއެވެ. އެގެނީ ދެން ކަންތައް ހިގައިދިޔައީ އުސޫލުތަކާއި ހަމައިން ބޭރުގައި ކަމެވެ. ރައީސް ޓްރަމްޕު ސަލާމަތް ކުރަން އުޅުމުގެ ބަދަލުގައި ސީކްރެޓް ސާރވިސްގެ އެޖެންޓުން އަވަސްވެގަތީ ނާއިބުރައީސް ޖޭޑީ ވޭންސް ސަލާމަތްކޮށްގެން އެތަނުން ބޭރަށް ގެންދިއުމަށެވެ. ޓްރަމްޕާ ހަމައަށް އެމީހުން ދިޔައީ އޭގެ މާފަހުންނެވެ. ދިފާއީވަޒީރު ޕީޓް ހެގްސެތު އޮތީ މޭޒެއްގެ ދަށަށްވަދެ ހޭންކަމަށް ބުނެވެއެވެ. ކޮންމެއަކަސް އެއްވެސް މީހަކު ޒަޚަމެއް ނުވެއެވެ. މުޅިއެތި ނިމިގެންދިޔައިރު ސިފަކުރެވެނީ ޕްރޮފެޝަނަލް ނޫންބަޔަކު ކުޅެފައިވާ ތަމްސީލަކާއެވެ. އެހެންވީމާ އެމެރިކާ މީހަކުވެސް އަދި އެހެން ތަނެއްގެ މީހަކުވެސް މިއީ އަސްލު ހާދިސާއެއް ކަމަށް ގަބޫލެއް ނުކުރެއެވެ.

ދުނިޔޭގެ ގިނަބަޔަކު ގަބޫލު ކުރަނީ ޓްރަމްޕު މަރާލަން ދިންކަމަށް ބުނާ ތިންވަނަ ހަމަލަޔަކީ ބަޔަކު ކުޅެފައިވާ ދެރަވަރު ޑްރާމާއެއް ކަމުގައެވެ. ހަމްދަރުދީގެ ރާޅުބާންޏެއް އުފެއްދުމުގެ ނިޔަތުގައެވެ. އެހެން ހީކުރަންޖެހޭ ސަބަބުތައް ގިނަގުނައެވެ. ރައީސް ޓްރަމްޕުވަނީ އެމެރިކާގެ ރިޔާސީ ކިއްލާ ވައިޓްހައުސް ޗަރުކޭސް ކުޅޭ ތަނަކަށް ހަދައިފައެވެ. އެއްވެސް ކަމެއްގައި ސީރިއަސް ކަމެއް ތެދުވެރިކަމެއް ނެތެވެ. އެމެރިކާގައި ވެރިކަން ކުރުމަކީ ޑްރާމާ ކުޅުމެއްކަމަށް އޭނާ ވަނީ ހަދައިފައެވެ. އޭނާ ދައްކާ ވާހަކަތަކާއި ކުރާ ކަންކަމަކީ އެކުވެރިންނާއި އާއިލާ މީހުންނަށް މާލީ މަންފާ ލިބެނިވި ގޮތް ނޫންގޮތަކަށް ބައްޓަން ކުރެވޭ ކަންކަމެއްވެސް ނޫނެވެ. އެހެންވީމާ ދުނިޔޭގެ އެއްވެސް ބަޔަކު ޓްރަމްޕަކަށް އިހުތިރާމެއް ނުކުރެއެވެ. އިތުބާރެއްވެސް ނުކުރެއެވެ. އެންމެންވެސް ބަލަނީ އެއީ ބޮޑުވެގެންވާ ޖޯކެއް ކަމުގައެވެ. އާނއެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޖޯކެއް ކަމުގައެވެ.

ޓްރަމްޕަށް މީހަކު ނުވަތަ ބަޔަކު ހަމަލައެއް ދިނީކަމަށް ދައްކަން ޑްރާމާއެއް ކުޅުނަސް ގިނަބަޔަކަށް މިހާރު ފަރުވާލެއް ނެތެވެ. އެމެރިކާގެ ރައްޔިތުންގެ ތެރޭގައިވެސް މިކަންއޮތީ މިހެންނެވެ. އެމީހުންވެސް ބުނަނީ މިއީ ޑްރާމާއެއް ކަމުގައެވެ. ޓްރަމްޕާމެދު ސީރިއަސްވާންވީ ކީއްވެގެން ހެއްޔެވެ. އޭނާއަށް ހަމްދަރުދީވާންވީވެސް ކީއްވެގެން ހެއްޔެވެ. ހަގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ދުނިޔޭގެ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމަކާ ބައިވެރިވެގެން ޓްރަމްޕު އެވަނީ ދުނިޔޭގެ އިގްތިސާދު ފުނޑާލައިފައެވެ. އީރާނުގެ ކުޑަ އަންހެންކުދިން ކިޔަވާ މަދުރަސާއަކަށް ބޮންއަޅަން އަމުރުކޮށް އެތައް ސަތޭކަ ކުދިން މެރުމުގެ ކުށުން ޓްރަމްޕު އެހެރީ ކުށްވެރިވެފައެވެ. އެހެންވީމާ ނަތަންޔާހޫއަށް ޖެހިފައިވާ ކެންސަރު ބައްޔާމެދު ދުނިޔޭގެ މީސްތަކުން ކަންބޮޑުނުވާ ބީދައިން ޓްރަމްޕުގެ ކަންކަމާމެދުވެސް ކަންބޮޑެއް ނުވާނެއެވެ. ނުވެއެވެ. ވޮޝިންޓަނުގެ ހިލްޓަން ހޮޓަލުގައި ދިންކަމަށް ބުނާ ހަމަލަޔާމެދު ކަންބޮޑުނުވީވެސް އެގޮތުންނެވެ.