މިއަހަރު ޖޫން މަހު އެކަކުން ހަޔަކަށް ދިއްފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ ކައިޓް ސާފިންގެ ބޮޑު ހަރަކާތް، ރާރާ ޕްރޯ 2026 ގައި އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ) ވާދަކުރާނެކަން އިއުލާނު ކޮށްފިއެވެ.

ނަރަޕިޗިޓަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ނަމެވެ. އޭނާ ވަނީ އޭޝިއާގެ ކައިޓް ސާފިން ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައެވެ. އަދި ކައިޓްގައި ގަލްފް އޮފް ތައިލެންޑް ހުރަސް ކޮށްފައިވެސް ވެއެވެ. ނަރަޕިޗިޓް މިއަހަރުގެ ރާރާ ޕްރޯގެ ދެ ކެޓަގަރީގައިވެސް ވާދަކުރާނެއެވެ. އެއީ ރޭސިންގެ އިތުރުން މިއަހަރު އަލަށް ކުރިއަށްދާ ފްރީސްޓައިލް ކެޓަގަރީގައެވެ.

ތައިލެންޑްގެ ކައިޓް ސާފަރު ނަރަޕިޗިޓަކީ ތަފާތު ސްޓައިލެއް ގެންގުޅޭ ހުނަރުވެރި އެތުލީޓެކެވެ. އޭނާގެ ހުނަރު ރާއްޖޭން ފެނިގެން ދިޔުން ވެގެންދާނީ ހާއްސަ ކަމަށެވެ. ނަރަޕިޗިޓާއެކު މިފަހަރުގެ ރާރާ ޕްރޯ އިތުރަށް ޝައުގުވެރިވެގެން ގޮސްފައިވާ އިރު، މިފަހަރުވެސް މިދިޔަ އަހަރުގެ ޗެމްޕިއަން ހަސަން މާހިރު (ހަންޓޭ) މިއަހަރު ވާދަކުރާނެކަންވެސް ރާރާ ޕްރޯއިން ވަނީ އިއުލާނު ކޮށްފައެވެ.

12 ޖުލައި 2025، ދިއްފުށި، ރާރާ ޕްރޯ 2025 ގެ ފައިނަލް އިވެންޓްތައް ނިންމާ ނަތީޖާ ފާޅުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން ހަސަން މާހިރު (ހަންޓޭ) --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރާރާ ޕްރޯގެ ފުރަތަމަ އެޑިޝަން މިދިޔަ އަހަރުވެސް ދިއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ކާމިޔާބުކަމާއެކުގައެވެ. މިދިޔަ އަހަރުގެ މުބާރާތްވެސް އުފާވެރި މާހައުލެއްގައި ނިމިގެން ދިޔަ އިރު، އިވެންޓް ނިމިގެން ދިޔައީ 20 އެތުލީޓުންނާއެކު ހިތްގައިމު މުބާރާތެއްގެ ގޮތުގައެވެ. ބ. ގޮއިދުއަށް އުފަން ހަންޓޭ މުބާރާތް ކާމިޔާބުކުރި އިރު، ރާރާ ޕްރޯއަކީ ރާއްޖޭގައި ފެށި މުޅިން އާ ކައިޓް ސާފިން ބޮޑު ހަރަކާތެކެވެ.

އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.