އަންނަ މަހު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި އޮންނަ ވޯލްޑް ކަޕަށް އިރާނުން ދާނީ އެގައުމުގެ ސަލާމަތީ ބާރު ކަމަށްވާ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަށް އެމެރިކާއިން އިހުތިރާމު ކުރާނެކަމުގެ ޔަގީންކަން ފީފާއިން ދިނުމުން ކަމަށް އިރާން ފުޓުބޯޅަ އިދާރާގެ ޗީފް، މެހްދީ ތާޖު ވިދާޅުވެއްޖެއެވެ.
އިރާނުން އެމެރިކާގައި ކުޅޭ ވޯލްޑް ކަޕަށް ނުދާން ނިންމާފައި ވަނީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާތީއެވެ. އެ ހަނގުރާމައިގައި އެމެރިކާއި އިޒްރޭލުން ވަނީ އިރާނުގެ ކުރީގެ ރޫހީ ލީޑަރު، އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލައި، އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.
ފީފާއިން އެ ޖަރީމާތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރުމާއި، ޓްރަމްޕް ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާތީ އިރާނާއި އިތުރު ބައެއް ފެޑަރޭޝަންތަކުން އެކަން ފާހަގަވެސް ކޮށްފައިވެއެވެ. އަދި އެންމެފަހުން މިހަފުތާ ތެރޭގައި ކެނެޑާގައި އޮތް ފީފާ ކޮންގްރެސްގައި އިރާނަށް ބައިވެރިވެވިފައެއް ނުވެއެވެ.
އެއީ އިރާނުގެ ފުޓުބޯޅަ އިދާރާގެ ޗީފް ތާޖާއި އެހެނިގެން އިސް އޮފިޝަލުންނަށް ކެނެޑާއަށް ނުވަދެވުމުންނެވެ. ކެނެޑާގެ އިމިގްރޭޝަނުން އިރާނުގެ ޑެލިގޭޓުން ހިފަހައްޓާފައި ވަނީ އޭގެ ތެރެއިން ބައެއް ފަރާތްތަކާ އައިއާރްޖީސީއާ ގުޅުން ހުރި ކަމަށް ބުނެއެވެ.
ތާޖް ވިދާޅުވީ އެއީ ކެނެޑާއިން ކުރި މަލާމާތެއް ކަމަށާއި، އެމެރިކާއިންވެސް އެގޮތަށް އެކަން ކުރަން މާކުރިންވެސް ރާވާފައިވާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް އެ އުސޫލުން ކަންކުރަން ޖެހިދާނެ ކަމަށް އެމެރިކާ ރައީސް ޓްރަމްޕް މާކުރިން ވިދާޅުވެފައިވާ ކަމަށާއި، އެހެން އެކަން ހިނގާނަމަ އިރާނަށް ވޯލްޑް ކަޕަށް ނުދެވޭނެ ކަމަށްވެސް ތާޖު ފާހަގަކުރެއްވިއެވެ.
ކެނެޑާއާއި އެމެރިކާގައިވެސް އައިއާރްޖީސީ ލިސްޓް ކޮށްފައި ވަނީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައެވެ. އެހެންކަމުން އައިއާރްޖީސީއާ ގުޅުމެއް ވާކަމަށް ބުނެ، ކުޅުންތެރިންނަށް ވިސާ ނުދޭން ނިންމުންވެސް ގާތް ކަމަށް ނޫސްތައް ބުނެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އިރާނުން ވޯލްޑް ކަޕަށް ދާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވަވާފައެވެ. އެކަމުގައި ތާޖު ވިދާޅުވީ، އިރާނުން ދާން މަސައްކަތް ކުރަނީ އިރާން ކޮލިފައިވި ވޯލްޑް ކަޕް ކުޅެން ކަމަށާއި، އެގައުމުން ދެކޭ ގޮތުގައި ހޯސްޓަކީ ފީފާ ކަމަށެވެ. އަދި އެމެރިކާއާއި ޓްރަމްޕް ބޭނުންހާ ގޮތަކަށް ފުޓުބޯޅަ ޓީމުތަކާ ދޭތެރެ އަމަލުކުރުމުގެ ބާރު ފީފާއިން ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026