އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެން އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވަނީ ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށްފަހު ފުރުތަމަ ޕާސްޕޯޓް ލަންކާގައި އުޅޭ ދިވެހި ރައްޔިތަކާ ހަވާލުކޮށްދެއްވައިފައެވެ.

މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބޭ ދެވަނަ ގައުމެވެ. ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާއެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.