މާލޭގެ ހަލަބޮލި މަގުތަކުގައި ހެނދުނު ހެނދުނާ މީހުން ހޭލަމޭލަވަމުން އަންނައިރު، ގިނަ ބައެއްގެ ސިކުނޑީގައި އެނބުރެމުންދާ އެންމެ ބޮޑު އެއް ހިޔާލަކީ މިއަދު ޑޮލަރުކޮޅެއް ލިބޭނެ ގޮތެއް އޮންނާނެ ބާވައޭ ހިތުގައި އުފެދޭ ސުވާލެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ފުރަން ތައްޔާރުވަމުންދާ އާއިލާއަކުން ފެށިގެން، ފިހާރައަށް މުދާކޮޅެއް އެތެރެކުރަން ބޭނުންވެފައި ހުރި އާދައިގެ ވިޔަފާރިވެރިޔާއާ ހަމައަށްވެސް މި ކަންބޮޑުވުން އެބައޮތެވެ. ރާއްޖޭގެ އިގުތިސޯދުގެ އެންމެ ބޮޑު އެއް ލޭނާރަކީ ބޭރު ފައިސާއެވެ. ހާއްސަކޮށް އެމެރިކާ ޑޮލަރެވެ. 2026 ވަނަ އަހަރާ ހަމައަށް އައިއިރުވެސް، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރަސްމީ ރޭޓަށްވުރެ މާ ބޮޑަށް އުފުލިފައިވާއިރު، މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އާންމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އެންމެ ފުރަތަމަވެސް މިސްރާބު ޖަހަނީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ. އާންމުންގެ މެދުގައި އޮންނަ ވިސްނުމަކީ، ޑޮލަރު ފޯރުކޮށްދިނުމަކީ ހަމައެކަނި ބީއެމްއެލްގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ މާލީ ނިޒާމުގައި އިތުރު 7 ބޭންކަކާއެކު ޖުމްލަ 8 ބޭންކު އޮޕަރޭޓްކުރަމުން އަންނައިރު، މި ހުރިހާ ބުރައެއް ހަމައެކަނި ބީއެމްއެލްއަށް އުފުލަން ޖެހިފައިވަނީ ކީއްވެގެންތޯ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.

ވިޔަފާރިވެރިޔާ މުހައްމަދު މޫސާ ދާދި ފަހުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ އެހެން ގައުމުތަކާ އަޅައިބަލާއިރު ޑޮލަރު ވަންނަ ގައުމެއް ނަމަވެސް، 200 އަށްވުރެ ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭއިރު އެއިން ކޮންމެ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ކުރާންޖެހެއެވެ. އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ބޭރު ފައިސާގެ ރިޒާވަށް އޮންނަ ޕްރެޝަރު އިންތިހާއަށް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަ 7 ބޭންކުގެ ތެރޭގައި ހިމެނެނީ ބީއެމްއެލްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ)، ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ. މި ބޭންކުތަކަކީ ރާއްޖޭގެ އިގުތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ނަމަވެސް، މީގެ ތެރެއިން ގިނަ ބޭންކުތަކުގެ އަމާޒު ހުރީ އާންމު ރައްޔިތުންނަށް ރީޓެއިލް ހިދުމަތްތައް ދިނުމަކަށް ނޫނެވެ. މިސާލަކަށް އެސްބީއައި ފަދަ ބޭންކުތަކުން މައިގަނޑު ގޮތެއްގައި ފޯކަސްކުރަނީ ބޮޑެތި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށާއި، އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބޮޑެތި ވިޔަފާރި މުއާމަލާތްތަކަށެވެ. ހަމައެފަދައިން ބީއޯސީއިން ސްރީލަންކާގެ ވިޔަފާރިތަކަށް އިސްކަންދޭއިރު، އެމްސީބީ ފަދަ ބޭންކުތަކުން ހިދުމަތް ދެމުން އަންނަނީ ކޯޕަރޭޓް ކްލައިންޓުންނަށާއި ބޮޑެތި ރިސޯޓުތަކަށެވެ. އެހެންކަމުން، އާންމު ރައްޔިތުންގެ ދުވަހުން ދުވަހަށް ބޭނުންވާ މާލީ މުއާމަލާތްތަކުގައި މި ބޭންކުތަކުގެ ބައިވެރިވުން ވަރަށް ކުޑައެވެ. އެމްއައިބީއިން އާންމުންނަށް ހިދުމަތްތަކެއް ދިން ނަމަވެސް، މުޅި ގައުމަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ބޭންކުގައިވެސް އަދި ނެތެވެ.

ޑޮލަރު ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އުފުލަމުންދާ ބުރައިގެ ބޮޑުމިން އެ ބޭންކުގެ ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ފެނެއެވެ. 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބީއެމްއެލްއިން ވަނީ އާންމުންނާއި ވިޔަފާރިތަކަށް ރެކޯޑު އަދަދަކަށް ޑޮލަރު ދޫކޮށްފައެވެ. އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރު އެކަނިވެސް 672.5 މިލިއަން އެމެރިކާ ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 70 އިންސައްތައިގެ ކުރިއެރުމެކެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ، ބީއެމްއެލްއިން އެވްރެޖްކޮށް 1.84 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މީގެ ތެރެއިން 175 މިލިއަން ޑޮލަރު ސީދާ ވިޔަފާރިތަކަށް ވިއްކާފައިވާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 104 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އާންމު ފަރުދުންގެ ބޭނުންތަކަށް ބަލާއިރު، ކާޑުގެ މުއާމަލާތްތައް މެދުވެރިކޮށް 390 މިލިއަން ޑޮލަރު ބީއެމްއެލްއިން ޕްރޮސެސްކޮށްދީފައިވެއެވެ. މީގެ ތެރޭގައި އޭޓީއެމްތަކުން ފައިސާ ނެގުމާއި، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކުން ކުރާ މުއާމަލާތްތަކާއި، އީ-ކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ހާއްސަކޮށްގެން 9 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މި ހުރިހާ ތަފާސްހިސާބުތަކުން ދައްކައިދެނީ، ރާއްޖޭގެ މާކެޓުގެ އެކިއެކި ބޭނުންތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތަށް ބަލާއިރު، ބީއެމްއެލްގެ ހިއްސާ އެހެން ހުރިހާ ބޭންކުތަކެއް އެއްކޮށްލުމުން ވާ ވަރަށްވުރެވެސް ބޮޑުކަމެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ ބޭރު ފައިސާގެ މުއާމަލާތްތަކާއި ބޭރު ފައިސާ ވިއްކުމާ ބެހޭ ގޮތުން އެ ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތައް ތިރީގައި އެވަނީއެވެ.

ކާޑުގެ މުއާމަލާތްތަކަށް ވިއްކާފައިވާ ޑޮލަރު

2025 ވަނަ އަހަރު: 566 މިލިއަން ޑޮލަރު

2026 ގެ އޭޕްރީލްގެ ނިޔަލަށް 296 މިލިއަން ޑޮލަރު

ކާޑުގެ މުއާމަލާތްތަކަށް ވިއްކާފައިވާ ޑޮލަރު

2025 ވަނަ އަހަރު މަހަކަށް 47 މިލިއަން ޑޮލަރު

2026 ގެ އެޕްރީލް މަހުގެ ނިޔަލަށް 74 މިލިއަން ޑޮލަރު

ޓީޓީއަށް ވިއްކި ޑޮލަރުގެ އަދަދު

2025 ވަނަ އަހަރު 175 މިލިއަން ޑޮލަރު

2026ގެ އެޕްރީލްގެ ނިޔަލަށް 136 މިލިއަން ޑޮލަރު

2025 ވަނަ އަހަރު މަހަކަށް 15 މިލިއަން ޑޮލަރު

2026ގެ އޭޕްރީލްގެ ނިޔަލަށް އެކަނި މަހަކު 34 މިލިއަން ޑޮލަރު

2026 ވަނަ އަހަރު ޓީޓީއަށް ޑޮލަރު ވިއްކި ގޮތުގެ ތަފްސީލު

ޖެނުއަރީ 35 މިލިއަން ޑޮލަރު، 10838 ޓީޓީ

ފެބުރުއަރީ 34 މިލިއަން ޑޮލަރު، 10551 ޓީޓީ

މާޗް 37 މިލިއަން ޑޮލަރު 10600 ޓީޓީ

އޭޕްރީލް 30 މިލިއަން ޑޮލަރު 8955 ޓީޓީ

ޑެބިޓްކާޑާއި ކްރެޑިޓްކާޑުތަކަށް ވިއްކި ޑޮލަރުގެ އަދަދު

2025 ވަނަ އަހަރު 390 މިލިއަން ޑޮލަރު

2026 އޭޕްރީލްގެ ނިޔަލަށް 160 މިލިއަން ޑޮލަރު

2025 ވަނަ އަހަރު މަހަކަށް 33 މިލިއަން ޑޮލަރު

2026 އޭޕްރީލްގެ ނިޔަލަށް އެކަނި މަހަކަށް 40 މިލިއަން ޑޮލަރު

ރާއްޖެއިން ބޭރުން އައި ފައިސާ

2025 އޭޕްރީލްގެ ނިޔަލަށް 1.26 ބިލިއަން ޑޮލަރު

2026 އޭޕްރީލްގެ ނިޔަލަށް 1.58 ބިލިއަން ޑޮލަރު

ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ

2025 އެޕްރީލްގެ ނިޔަލަށް 1.03 ބިލިއަން ޑޮލަރު

2026 އެޕްރީލްގެ ނިޔަލަށް 1.545 ބިލިއަން ޑޮލަރު

ކްރޮސްބޯޑަރ ޓްރާންސެކްޝަންތައް

ރާއްޖެއިން ބޭރުން އައި ފައިސާ 306 މިލިއަން ޑޮލަރު

ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ 414 މިލިއަން ޑޮލަރު

މި ނަންބަރުތަކަށް ބަލައިލުމުން އެނގޭ އެއް ކަމަކީ، ބީއެމްއެލްއަށް މިހާރު ވަންނަ ނުވަތަ ވަންނާނެ ޑޮލަރުގެ އަދަދަށް ބަލާއިރު، މާކެޓުގެ ބޭނުމަށް، ބޭނުން މިންވަރަކަށް ޑޮލަރު ވިއްކުމަކީ އެ ބޭންކަށް ކުރެވޭނޭކަމެއް ނޫން ކަމެވެ. އަމުދުން އެ ބޭންކަށް އެކަނި މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަން މި ނަންބަރުތަކުން ސާފުވެ އެވެ.

އަނެއްކޮޅުން މި ހާލަތުގައި، ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުދާ އެތެރެކުރުމަށްފަހު ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ހުރި ދަތިތަކެވެ. މީގެ ކުރިން ބީއެމްއެލްއިން ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް ދޫކުރަމުން އައީ އެންމެ 5 އިންސައްތައެވެ. ނަމަވެސް، ފާއިތުވި އަހަރު މި ނިސްބަތް 50 އިންސައްތައަށް އިތުރުކުރުމުން، ގިނަ ވިޔަފާރިތަކަކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. މި ބަދަލާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މުދާ ގަވައިދުން އެތެރެކުރުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ. އެހެންނަމަވެސް، މި ބޮޑު ކުރިއެރުމާއެކުވެސް، ބާޒާރުގައި އޮތް ޑޮލަރުގެ ޑިމާންޑް އެއްކޮށް ފުއްދައިދިނުމަކީ އެއްވެސް ބޭންކަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ބޭންކް (ވޯލްޑް ބޭންކް) އިން 2025 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ރިޒާވް ދަށްވުމާއި، ބޭރުގެ ދަރަނި ބޮޑުވުމަކީ ޑޮލަރުގެ ތާށިކަމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ. އަދި ރާއްޖޭގެ މާލީ އިދާރާތަކުން ސަރުކާރަށް ދޫކޮށްފައިވާ ލޯނުތަކުގެ ނިސްބަތް ބޮޑުވުމަކީވެސް އަމިއްލަ ފަރުދުންނަށް ޑޮލަރު ލިބުމަށް އޮތް ހުރަހެއްކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީހަކު އެހެން މީހަކަށް ޑޮލަރުތަކެއް ދެނީ --- ވަން ފޮޓޯ

އެހެން ބޭންކުތަކުގެ ހިދުމަތް ދިވެހީން ނުހޯދަނީ ކީއްވެގެންތޯ ބަލާއިރު، މައިގަނޑު ސަބަބަކީ އެ ބޭންކުތަކުގެ އޮނިގަނޑު ރޭވިފައިވާ ގޮތެވެ. ގިނަ ބޭންކުތަކުގައި އެކައުންޓް ހުޅުވުމަށް ބޮޑެތި އަދަދުތަކުން ޑިޕޮސިޓް ބަހައްޓާން ޖެހެއެވެ. އަދި އާންމު ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭނެ އޭޓީއެމް ވިއުގައެއް ނުވަތަ އޮންލައިން ބޭންކިންގ ނިޒާމެއް، ބީއެމްއެލްއާ އެއްވަރަކަށް އެހެން ބޭންކުތަކުގައި ގާއިމުކުރެވިފައެއް ނުވެއެވެ. ރާއްޖޭގެ ތަރައްގީއާއި އާންމު ހިދުމަތުގައި އެހެން ބޭންކުތަކުގެ ދައުރު މިހާ ކުޑަވެފައިވަނީ، އެ ބޭންކުތަކުގެ ވިޔަފާރީގެ މޮޑެލް ބިނާވެފައިވަނީ ރިސްކު ކުޑަ، ފައިދާ ބޮޑު ކޯޕަރޭޓް ސެކްޓަރަށް ކަމަށްވާތީއެވެ. އެހެންކަމުން، ޑޮލަރުގެ ތާށިކަން އަންނަ ދަނޑިވަޅުތަކުގައި، އެ ބޭންކުތަކަށް ލިބޭ ޑޮލަރު މައިގަނޑު ގޮތެއްގައި ދޫކުރަނީ އެ ބޭންކުތަކުގެ ބޮޑެތި ކަސްޓަމަރުންނަށެވެ. އާންމު ރައްޔިތުންނަށް ޑޮލަރު ވިއްކުމުގެ ޝައުގުވެރިކަމެއް އެ ބޭންކުތަކުގައި ނުހުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކިޔަވާ ކުދީންނަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށާއި، ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރު ހޯދުމަށް މުޅި ގައުމު ބަރޯސާވާން ޖެހިފައިވަނީ ހަމައެކަނި ބީއެމްއެލްއަށެވެ. ދާދި ފަހުން ކިޔަވާ ކުދީންގެ ކާޑު ލިމިޓް 1200 ޑޮލަރަށް ބޮޑުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްވެސް ބީއެމްއެލްއަށް ވަނީ ޑޮލަރުގެ ތާށިކަމާހުރެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެހެން ބޭންކުތަކުން ޑޮލަރު ދޫނުކުރުމުގެ ނަތީޖާއަކަށް ވަނީ، ކަޅު ބާޒާރު ނުވަތަ ޕެރެލަލް މާކެޓް ފުޅާވުމެވެ. ރަސްމީ ރޭޓުގައި 15.42 ރުފިޔާއަށް ޑޮލަރެއް ހުރި ނަމަވެސް، ބީއެމްއެލް ފިޔަވައި އެހެން ބޭންކުތަކުން އާންމުންނަށް ޑޮލަރު ނުލިބޭތީ، މީހުންނަށް މަޖުބޫރުވަނީ ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނާށެވެ. މިއަދުވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް، އާންމު ރައްޔިތުން ގަންނަ ކާބޯތަކެއްޗާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް ބޮޑުވެގެންދެއެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ބޭރުގެ ބޭންކުތަކުން މިކަމަށް ހައްލެއް ހޯދައިދިނުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރެއެވެ. އެ ބޭންކުތަކުގެ މައިގަނޑު އަމާޒަކީ އެ ބޭންކުތަކުގެ އަމިއްލަ ގައުމުތަކުގެ ވިޔަފާރިތަކަށް ރާއްޖޭގައި ފަހި ގޮތްތަކެއް ހޯދައިދިނުމާއި، ބޮޑެތި ކޯޕަރޭޓް ކްލައިންޓުންގެ އަތުން ފައިދާ ނެގުމެވެ. ދިވެހި އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަކީ އެ ބޭންކުތަކުގެ ވިޔަފާރީގެ އިސްކަންދޭ ކަމެއް ނޫނެވެ.

މިކަމުގައި ގާނޫނު ބުނަނީ ކީކޭތޯ ބަލާއިރު، ރާއްޖޭގެ ބޭންކިންގ ގާނޫނުގެ ދަށުން ހުރިހާ ބޭންކުތަކަކަށްވެސް ހަމަހަމަ އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ދަށުން، ވަކި ބޭންކަކުން އާންމުންނަށް ވަކި ވަރަކަށް ޑޮލަރު ވިއްކަން މަޖުބޫރުކުރާ ސީދާ މާއްދާއެއް ނެތެވެ. ނަމަވެސް، މުޅި އިގުތިސާދުގެ ބުރަ އެއް ބޭންކަކަށް ނުއުފުލޭނެތީ، އެމްއެމްއޭއިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ އާ ގާނޫނު (ގާނޫނު ނަންބަރު 32/2024) ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ. މިގޮތުން، ކެޓަގަރީ އޭ ގެ ތަންތަނުން (ރިސޯޓުތަކާއި ހޮޓާތަކުން) ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު އަދި ކެޓަގަރީ ބީ ގެ ތަންތަނުން (ގެސްޓްހައުސްތަކުން) 25 ޑޮލަރު މާރުކުރަން ޖެހެއެވެ. މި ގާނޫނުގެ މަގުސަދަކީ ހުރިހާ ބޭންކުތަކަކަށްވެސް ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށްދީ، ބީއެމްއެލްއަށް އޮންނަ ބުރަ ކުޑަކުރުމެވެ. މި ފައިސާ އެހެން ބޭންކުތަކަށް ވަންނަން ފެށުމުން، އެ ބޭންކުތަކުންވެސް މާކެޓަށް ޑޮލަރު ނެރެން ޖެހޭނެކަމަށް މާލީ ތަޖުރިބާކާރުން ދެކެއެވެ.

މީގެ އިތުރުން، އެމްއެ މްއޭއިން ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު، ބޭންކުތަކުން ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރުއާރު) ބޭރު ފައިސާގެ ގޮތުގައި 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައެވެ. މި ބަދަލާއެކު ބޭންކުތަކަށް ލޯނު ދޫކުރުމަށާއި މުއާމަލާތްކުރުމަށް އިތުރު 45 މިލިއަން ޑޮލަރުގެ ޖާގަ ލިބިގެންދިޔައެވެ. އަދި 2026 ވަނަ އަހަރުގެ ރޯދަމަހާ ދިމާކޮށް، ކާބޯތަކެތި އެތެރެކުރުމަށް ދަތިނުވާނެހެން އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 32 އިންސައްތަ އިތުރުކޮށްފައެވެ. މިފަދަ ސިޔާސަތުތަކުން ދައްކައިދެނީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ޒިންމާ ނަގަން ޖެހެނީ ހަމައެކަނި ބީއެމްއެލްއިން ނޫންކަމާއި، މަރުކަޒީ ބޭންކާއި އެހެނިހެން ބޭންކުތަކުގެ ދައުރުވެސް މިކަމުގައި ބޮޑުކަމެވެ. އެމްއެމްއޭއިން ވަނީ ވިޔަފާރިތަކަށް ބޭނުންވާ ޓީޓީތަކަށާއި އެލްސީތަކަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކޮށްފައެވެ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތަ އިތުރުވެގެންދިޔަކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. ނަމަވެސް، މި ފައިސާވެސް މައިގަނޑު ގޮތެއްގައި އާންމުންނާ ހަމައަށް ފޯރަނީ ބީއެމްއެލް މެދުވެރިކޮށެވެ. އެހެން ބޭންކުތަކުން މި ފައިސާ ބޭނުންކުރަނީ އެ ބޭންކުތަކުގެ ހާއްސަ ކްލައިންޓުންގެ ބޭނުންތަކަށެވެ. މިއީ ގާނޫނީ ގޮތުން މަނާ ކަމަކަށް ނުވި ނަމަވެސް، އިގުތިސޯދީ ގޮތުން ބަލާއިރު މުޅި ނިޒާމުގެ ހަމަހަމަކަން ގެއްލިގެންދާ ކަމެކެވެ.

ޑޮލަރުގެ މައްސަލަޔަށް ހައްލެއް ގެނައުމަށް ހުރި ގޮތްތަކަށް ބަލާއިރު، އެންމެ މުހިންމު ކަމަކީ ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމެވެ. ހަމައެކަނި ބީއެމްއެލްއަށް މި ބުރަ އުފުލިދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ؛ ދިގު މުއްދަތަކަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އެ ބޭންކުން މަސައްކަތްކުރަނީ ހަމައެކަނި ފައިދާ ހޯދުމަށް ނޫން ކަމަށާއި، ގައުމީ ބޭންކެއްގެ ހައިސިއްޔަތުން އިގުތިސާދީ އަދި އިޖުތިމާއީ ޒިންމާއެއް އަދާކުރުމަށެވެ. މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބޭންކެއް ބިނާކުރުމަކީ އެމީހުންގެ އަމާޒުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެހެން ބޭންކުތަކުންވެސް އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ޑޮލަރުގެ ހިދުމަތްތައް ފުޅާކުރަން ޖެހެއެވެ. މިކަމަށް އޮތް ހައްލަކީ، އެމްއެމްއޭގެ އާ ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރުމާއެކު، އެހެން ކޮމާޝަލް ބޭންކުތަކުން ރީޓެއިލް މާކެޓަށް ވަނުމަށް ބާރުއެޅުމެވެ.

ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނުގެ ދަށުން ހުރިހާ ބޭންކުތަކަކަށް ޑޮލަރު ވަންނަން ފެށުމުން، އެ ބޭންކުތަކުން އާންމު ވިޔަފާރިތަކަށް ޓީޓީ ހެދުމަށާއި ކާޑުގެ މުއާމަލާތްތަކަށް ޑޮލަރު ދޫކުރުން ލާޒިމުކުރެވިދާނެއެވެ. ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނައިރު، 8 ބޭންކު އޮވެ، އޭގެ ތެރެއިން އެންމެ ބޭންކަކުން މުޅި ގައުމުގެ ޑޮލަރުގެ ބޭނުންތައް ފުއްދައިދޭން ޖެހުމަކީ މާލީ ނިޒާމުގެ ނާޒުކުކަން ހާމަކޮށްދޭ ކަމެކެވެ. ކުރިއަށް އޮތް ތަނުގައި މި ނިޒާމު ހަރުދަނާ ވެ، ހުރިހާ ބޭންކުތަކަކުންވެސް ގައުމުގެ އިގުތިސާދީ ބުރަ ހަމަހަމަކޮށް އުފުލަން ފެށުމަކީ، ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށް އޮތް އެންމެ ހަރުދަނާ މަގެވެ. ސަރުކާރާއި އެމްއެމްއޭއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނީ، މި ހުރިހާ ބޭންކުތަކެއް ގުޅިގެން އާންމު ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާ ދުވަހަކުންނެވެ. މިވަގުތަށް ބަލާއިރު، އެމްއެމްއޭއިން ތަންފީޒުކުރަން ފަށާފައިވާ އާ ގަވާއިދުތަކަށް އަމަލުކުރަން ފެށުމުން ނުކުންނަ ނަތީޖާއަކަށް މުޅި މާލީ ދާއިރާ އޮތީ އިންތިޒާރުގައެވެ.