ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެގައުމު ކަމަށްވާ ޗައިނާއާއި އިންޑިއާއަށް ވޯލްޑް ކަޕް ނުފެނިދާނެކަމަށް ނޫސްތައް ބުނެއެވެ.

ފީފާގެ މައުލޫމާތުތައް ބުނާ ގޮތުން ޗައިނާ އަދި އިންޑިއާގެ ކުންފުންޏަކާއެކު މިހާތަނަށް ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެހެންކަމަށްވާނަމަ އެތައް މިލިއަން އާބާދީއަކަށް ވޯލްޑް ކަޕް މެޗުތައް ނުފެނުނުން އެއީ ގާތުގައި އޮތް ކަމެކެވެ.

އިންޑިއާއަށް ވޯލްޑް ކަޕް ދެއްކުމަށް މަސައްކަތް ކުރަމުންދާ އެއްވެސް ކުންފުންޏަކުން އަދި ފީފާއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެކަމުގައި މަސައްކަތް ކުރަމުންދާ އެންމެ ބޮޑު އެއް ކުންފުންޏަކީ ރިލައިންސް އަދި ޑިސްނީ ހިއްސާވާ ޖޮއިންޓް ކުންފުންޏެކެވެ. އެ ކުންފުނިން ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ހުށަހެޅި އަގަކީ 20 މިލިއަން ޑޮލަރެވެ. އެއީ ފީފާއިން ޑިމާންޑް ކުރާ އަގުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް ކުޑަ އަގެކެވެ. އޭގެ އިތުރުން ސޮނީންވެސް ފީފާއާ މަޝްވަރާ ކުރި ނަމަވެސް ރަސްމީކޮށް އަގު ހުށަހަޅާފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

އޭގެ އިތުރުން ޗައިނާގެ ކުންފުންޏަކާއެކުވެސް ފީފާއިން އަދި އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ. ފީފާއިން ކުރިން ބުނެފައި ވަނީ ޗައިނާއަކީ ވޯލްޑް ކަޕްގެ ވިއުވާޝިޕްގެ 49.8 ޕަސެންޓް ކަމަށެވެ. މިހާތަން 175 ސަރަހައްދެއްގައި ވޯލްޑް ކަޕް މެޗުތައް ދައްކަން ފީފާއިން ރަސްމީކޮށް އެއްބަސްވުމަކަށް އައިސްފައިވާ އިރު، ޗައިނާއާއި އިންޑިއާގެ އެއްބަސްވުންތައް ކުރިއަށް ދާ ކަމަށް ފީފާއިން ބުނެފައިވެއެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެގައުމުގެ ރައިޓްސްއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ނަމަވެސް، އެކަމުގެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ކަމަށެވެ.

މީގެ ކުރިން ވޯލްޑް ކަޕްތަކަށް ބަލާއިރު، އިންޑިއާގެ ރައިޓްސް ގަންނަ އެއް ކުންފުންޏަކީ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލައެންސެވެ. އަދި ޗައިނާއަށް 2018 ގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ދެއްކީވެސް ސަރުކާރު ޗެނަލް ކަމަށްވާ ސީސީޓީވީންނެވެ. އެހެންނަމަވެސް މީގެ ކުރިން އެ ދެގައުމުގައިވެސް މާކުރިން އެކަން އިއުލާނު ކޮށްފައިވެއެވެ.

މިއަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕް ފަށާނީ އަންނަ މަހުއެވެ.