އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިންވެސް ބަލިވެއްޖެއެވެ.

މިފަހަރުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އޮތް ފޮރެސްޓަށް ލީގުގައި އޮތީ އެންމެ ރަނގަޅު ހާލަތެއް ނޫނެވެ. ފަހު މެޗުތަކަށްދާ އިރުވެސް ފޮރެސްޓަށް ރެލިގޭޝަނުގެ ބިރު އެބައޮތެވެ. އެހެން ނަމަވެސް މިރޭ 3-1 އިން ރަށުން ބޭރުގައި ޗެލްސީ ބަލިކުރުމާއެކު ފޮރެސްޓަށް ވަނީ ރެލިގޭޝަނުން ސަލާމަތްވާން ބޮޑު އުންމީދެއް ލިބިފައެވެ.

މިހާތަނަށް ކުޅުނު 35 މެޗުން 42 ޕޮއިންޓާއެކު ނޮޓިންހަމްއިން 16 ވަނައިގައި އޮތް އިރު، ރޭ މޮޅުވި ޓޮޓެންހަމްވެސް މިހާރު އޮތީ 17 ވަނައިގައެވެ. އެއީ 35 މެޗުން 37 ޕޮއިންޓާއެކުގައެވެ. 18 ވަނައިގައި އޮތް ވެސްޓް ހޭމްއިން 35 މެޗުން 36 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގައި އޮތް އިރު، ފޮރެސްޓުން ލީގުގައި ދެމި އޮތުމަށް އަދިވެސް ހިތްވަރު ކުރަން ޖެހޭނެއެވެ.

މިރޭ ބަލިވި ޗެލްސީއަށް މިއީ ޖެހިޖެހިގެން ލީގުގައި ބަލިވި ހަވަނަ މެޗެވެ. މިދިޔަ މަސް ފެށުނުއިރުވެސް ޗެމްޕިއަންސް ލީގަށް ވާދަކުރަމުންދިޔަ ޗެލްސީގެ ފޯމު އިންތިހާއަށް ދަށްވެ، ކޯޗުވެސް ފޮނުވާލާފައިވާ އިރު، މިހާރު އޮތީ ނުވަ ވަނައިގައެވެ. އެއީ 35 މެޗުން 48 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗުވެސް ވީ ޗެލްސީއަށް އުނދަގޫ ފެށުމަކަށެވެ. އެޓީމު ކޮޅަށް ދެވަނަ މިނެޓުގައި ފޮރެސްޓުން ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ޓައިވޯ އަވޮނީޔީއެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 15 ވަނަ މިނެޓުގައި ފޮރެސްޓަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ދެވަނަ ގޯލްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ އީގޯ ޖީސަސްއެވެ.

މެޗަށް އަނބުރާވަނުމަށް ޗެލްސީން ކުރި މަސައްކަތުގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕެނަލްޓީއެއް ލިބުނެވެ. އެހެން ނަމަވެސް ކޯލް ޕާމާގެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ އަވޮނީޔީ ދެވަނަ ގޯލެއް ޖަހައި، ފޮރެސްޓަށް ތިންވަނަ ގޯލެއް ޖަހައިދިން އިރު، ޗެލްސީގެ ހަމައެކަނި ގޯލް ޖެހީ ޖުއާއޯ ޕެޑްރޯއެވެ. އެއީ އޯވާހެޑަކުން އޭނާ ޖެހި ގޯލެކެވެ.