އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާވަލު ބަދަލުކުރުމަށްޓަކައި ރައީސް ނަޝީދުގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ހިލާފު، ބީރައްޓެހި އަމަލެއް ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅެނެ ކަމެއް ކަމަށެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މައްޗަށް ދައުވާކޮށް، މިއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ..،" ނަޝީދުގެ ކެމްޕޭން ޓީމުގެ ނޫސްބަޔާނުގައި ބުންޏެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ އެ ކެމްޕޭންގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް ލިބުން ކަމަށާއި ޕާޓީގެ މަގާމުތަކާއި ނިންމުންތަކަށް އިތުބާރާއި ޔަގީންކަން އަދި ސައްހަކަން ލިބިދެވޭނީ އިންތިހާބުތަކުން ކަމަށެވެ.

ނަޝީދުގެ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ. އެ މައްސަލަ ބިނާވެގެންވަނީ:

  • އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއް ނެތި، އިންތިހާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމައި، އިންތިހާބު އިންތިޒާމުކުރަމުން ދިއުން.
  • ޕާޓީގެ ލީޑާޝިޕާއި އިންތިހާބާ ބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް.