27 އޭޕްރީލްގެ އަދަދާ ގުޅޭ)

قـــــريـش ން ވަރަށްބޮޑަށް ޤަބޫލުކޮށްގެންތިބި އެހެން ސަބަބެއްވެސް އޮތެވެ. އެބައިމީހުންނަށް ޤަބޫލުކުރެވިފައި އޮތީ އެބައިމީހުން އަޅުކަމުގެގޮތުން މޫނު ކާއްތައި އުޅޭ لات އާއި عُــــــــزّى އާއި هــبــــل އެތަކެތީގެ އަމިއްލަ ބާރުގައި އެތަކެތީގެ ހައިސިއްޔަތާއި އެތަކެތީގެ ޒާތު ދިފާޢުކުރާނެ ކަމުގައެވެ. އެތަކެތީގެ "ރޫޙާނީ" އެންމެ ޙަމަލައަކުންވެސް رحـمــة لّـلعــالمــيـــن ގެ ތަޙްރީކާއި އެ ތަޙްރީކުގެ ބައިވެރީންގެ ހުވަންހިލަންވެސް ނައްތައިލެވިދާނެ ކަމުގައެވެ. (مُـحُسِنْ إِنْسَـانــيّــت، نــعــيـــم صـــدّيــقـــى)

ދީން ފެތުރުއްވުމުގެ ސިއްރު މުހިންމަތުގެ ތިންއަހަރު ދުވަހުންވަނީ އީމާންކަމުގެ އަހްލުވެރީންގެ އާރުލާ ޖަމާޢަތެއް ތައްޔާރުވެފައެވެ. އެ ޖަމާޢަތުގައި قـــــريـش ންގެ ބައެއް އަޝްރާފުންވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަކު ގިނައީ މައްކާގެ މުޖްތަމަޢުގައި ޚާއްޞަކަމެއްނެތް ޢާންމުންނެވެ. ތާރީޚުގެ ހުރިހައި ދައުރުތަކެއްގައިވެސް ޤައުމުތަކަށް އިންޤިލާބީ ބަދަލުތައް ގެންނާން ކުރީ ސަފަށް ނުކުންނަނީ މިފަދަ މިނިވަން ޠަބީޢަތުގެ ޒުވާނުންނެވެ. ލީޑަރުންނާއި މަޤާމުތަކުގައި ތިބޭ ދަރަޖަވެރީންނެއް ނޫނެވެ. ރަޙްމަތުގެ ތަޙްރީކުގެ ޖަމާޢަތް އާރާސްތުވެފައިވަނީ އެއްބަނޑުއެއްބަފާކަމާއި އެއްހިތްވުމާއި އެއްބާރުލުމުގެ ބިންގަލުގެ މަތީގައެވެ. އެބޭކަލުން ގެންދެވީ ނުހަނު ހީވާގިފުޅުކަމާއެކު މާތް اللّــــه ގެ އަޅުތަކުންނަށް އެކަލާނގެ ދީނުގެ ދަޢުވަތު ރައްދުކުރައްވަމުންނެވެ. (الـــرّحــيـــق المـخــتـــــوم، مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

ނަމާދު ކުރެއްވުން

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެންމެފުރަތަމަ ވަޙީ ލިބިވަޑައިގެންނެވި ދުވަހު جــبـــــريـــل عـلــيـــه السّــلام ވަނީ ނަމާދުކުރައްވާނެގޮތް ދަސްފުޅުކޮށް އަރުއްވައިފައެވެ. އެދުވަހު جــبـــــريـــل ގެފާނު ފައިންޕުޅުން ޖެއްސެވުމުން އެރި ފެންއާރަކުން ވުޟޫކުރައްވައި ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވުޟޫކުރައްވާނެގޮތް ދަސްފުޅުކޮށް އެރުއްވިއެވެ. ވުޟޫ ކުރެއްވުމުގެ ކުރީން "ލަދުވެތި ގުނަވަންފުޅު" ދޮންނަވާންވެސް ހަނދުމަފުޅު ކޮށްދެއްވިއެވެ. އެއަށްފަހު جــبـــــريـــل ގެފާނު އިމާމުވެވަޑައިގެން ދެރަކްޢަތް ނަމާދެއް ކުރައްވައި ހެނދުނާއި ހަވީރު އެގޮތަށް ނަމާދުކުރައްވާން އިރްޝާދު ދެއްވިއެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަޙީކުރައްވައިފައިވެއެވެ.

"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި ހެނދުނު ޙަމްދާއެކު ތަސްބީޙު ވިދާޅުވާށެވެ." (غــافـــــر: 55)

إبـــن حـــجـــــــر ވިދާޅުވެފައިވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި ޞަޙާބީން މިޢުރާޖުގެ ކުރީންވެސް ކަނޑައެޅިގެން ނަމާދުކުރައްވައި އުޅުއްވިއެވެ. ނަމަވެސް މިޢުރާޖުގެރޭ ފަސްނަމާދު ފަރުޟުކުރެއްވުމުގެ ކުރީން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި ޞަޙާބީންނާ ކުރައްވައި އުޅުއްވި ހެނދުނުގެ ދެރަކްޢަތާއި ހަވީރުގެ ދެރަކްޢަތަކީ ފަރުޟުނަމާދެއް ކަމާމެދު ޢިލްމުވެރީންގެ މެދުގައިވަނީ ޚިޔާލުފުޅު ތަފާތުވެފައެވެ. إبـــن عــبّـــاس ގެ އަރިހުން ރިވާވެގެން އައިސްފައިވާ ގޮތުގައި އެދުވަސްވަރު ކުރައްވައި އުޅުއްވި ހެނދުނާއި ހަވީރުގެ ދެރަކްޢަތަކީ އެންމެފުރަތަމަ ފަރުޟުކުރެއްވި ކަންކަމުގެތެރެއިން ހިމެނޭ ދެނަމާދެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި ނަމާދަކީ އެމާތް ސާހިބާގެ ލޯފުޅުގެ ފިނިކަމެވެ. އެމާތް ސާހިބާ ތުއްޕުޅު އިރުއްސުރެ "ނަމާދު" ކުރައްވައި އުޅުއްވިއެވެ. ނަމަވެސް އެއިރަކު ނަމާދުގެ ޚާއްޞަ ސޫރައެއް ނެތެވެ. ވަޙީ ލިބިވަޑައިގެންނެވި ދުވަހު جــبـــــريـــل عـلــيـــه السّــلام ނަމާދުކުރައްވާނެގޮތް ދަސްފުޅުކޮށް އެރުވުމުގެކުރީން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم "ނަމާދުކުރައްވާ" ގޮތްކޮޅަކީ اللّــــه سبحـــانــــه وتــعــــالــــى ގެ ޙަޟުރަތަށް ޢާޖިޒުވެވަޑައިގެންނެވުމާއެކު ކުއްތަންވެވަޑައިގެންނެވުމެވެ. އިންސާނީ ޙަޔާތުގެ ފެށުމާއި ނިމުމާމެދު ފިކުރުފުޅު ކުރެއްވުމެވެ. އެގޮތަށް "ނަމާދު" ކުރެއްވުމުންވެސް އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ހިތްޕުޅަށް ޤަރާރުކަން ލިބިވަޑައިގަންނަވައެވެ. (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

ގެފުޅުގެ އުރަކޮޅުގައި ހުންނަ ލިޔުންތައް ރަންކަސަބު ރޮދީން ވިޔަނީ. މިކަމަށް ބޭނުންކުރަނީ ފަނަރަކެރެޓު ރަނުގެ ރޮދި. ފޮޓޯ: ދަ ހާޓް އޮފް މައްކާ

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަޙީ ލިބިވަޑައިގެން جــبـــــريـــل عـلــيـــه السّــلام ހެނދުނާއި ހަވީރުގެ ދެރަކްޢަތް ނަމާދު ކުރައްވާން ދަސްފުޅުކޮށް އެރުއްވިފަހުން އެމާތް ސާހިބާ ހެނދުނުގެ ނަމާދުކުރައްވައި އުޅުއްވީ ޙަރަމްފުޅުގައެވެ. އެހެނީ قـــــريـش ންގެ މަޒުހަބުގައިވެސް ހެނދުނުގެ ދެރަކްޢަތަކީ ޖާއިޒު ކަމެކެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، مُـحُسِنْ إِنْسَـانــيّــت: نــعــيـــم صـــدّيــقـــى)

جــبـــــريـــل عـلــيـــه السّــلام ނަމާދުކުރާން ދަސްކޮށްދެއްވިގޮތަކީ އިންސާނުންގެ ޢުބޫދިއްޔަތުގެ ޖަޒުބާތު ފާޅުކުރުމުގެ އެންމެރީތި އަދި އެންމެ ފުރިހަމަ ގޮތެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ހަވީރުގެ ނަމާދުކުރައްވާން ވަޑައިގަންނަވަނީ ފަރުބަދަތަކުގެ ތެރޭގެ ކޮންމެވެސް ޝިޢުބަކަށެވެ. އެންމެގިނައިން ވަޑައިގެން އުޅުއްވީ عــلــــــى رضـــــى اللّــــه عــنـــــه ގޮވައިގެންނެވެ. ތަންކޮޅެއްފަހުން އެހެނިހެން މުސްލިމުންވެސް ވަނީ އަރިހުގައި ބައިވެރިވާން ފަށައިފައެވެ. އެގޮތުން سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه މައްކާގެ ޝިޢުބެއްގައި ޞަޙާބީންގެ ބޭކަލުންކޮޅަކާއެކު ނަމާދުކުރައްވާން ހުންނަވަނިކޮށް މުޝްރިކުންނަށްވަނީ ފެނިފައެވެ. އެތަން ފެނުމާއެކު މުޝްރިކުން ހަޅޭއްފަޅޭއްލަވައިގަތެވެ. ޞަޙާބީންގެ ގައިކޮޅަށް އަރައިގަތެވެ. ނަމާދުގެ އެކި ޙަރަކާތްތަތަކަށް ހަޖޫކިޔާން ފަށައިފިއެވެ. މުޝްރިކުންގެ މީހެއް سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه އަށް އޭނާގެ ކަނޑީން ޙަމަލަދީ ޒަޚަމްކޮށްލިއެވެ. މިއީ ޙަރަމުގެ ބިމަށް އޮހޮރުނު މުސްލިމެއްގެ އެންމެފުރަތަމަ ލެއެވެ. މާތް اللّــــه ގެ ކުޅަދުންވަންތަކަމެވެ. އެޒަމާނުގައި ދުނިޔޭގައި އޮތް ބޮޑު ދެބާރުންކުރެ އެއްބާރު ކަމުގައިވާ ފާރިސީންގެ އީރާން ފަތަޙަކުރެއްވީ سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنـــــه އެވެ. (مُـحُسِنْ إِنْسَـانــيّــت: نــعــيـــم صـــدّيــقـــى)

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި عــلــــــى ގެފާނާ ދެބޭކަލުން ނަމާދުކުރައްވާން ތިއްބަވަނިކޮށް އެއްދުވަހަކު أبـــوطــالــب ގެފާނަށްވަނީ ފެނިވަޑައިގެންފައެވެ. އެދެބޭކަލުން އަޅުކަންކުރައްވާ އައުގޮތް ފެނިވަޑައިގެންނެވުމުން أبـــوطــالــب ގެފާނު ވަރަށް ޙައިރާންފުޅުވިއެވެ. ވަރަށްބޮޑަށް ވިސްނައިވަޑައިގެން ބައްލަވާން ހުންނަވައިފައި ނަމާދުކުރައްވައި ނިމިވަޑައިގެންނެވުމުން ސުވާލުކުރެއްވިއެވެ.

"އޭ އަހަރެންގެ ކޮއިފުޅާއެވެ! ތިޔަ ޚިޔާރުކޮށްގެން އަޅުކަންކުރަނީ ކޮންދީނަކަށް ހެއްޔެވެ؟" ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބު ދެއްވިއެވެ.

"ލޯބިވާ ބޮޑުބޭބޭފުޅާއެވެ! މިއީ މާތް اللّــــه އާއި އެކަލާނގެ މަލާއިކަތުންނާއި ރަސޫލުބޭކަލުންގެ ދީނެވެ. އަޅުގަނޑުމެންގެ ބަފައިކަލުންނަވި إبــــراهــيـــــم ގެފާނުގެ ދީނެވެ." ބައެއް ރިވާޔަތްތަކުގައިވާގޮތުން އައުދާނަ އިތުރު ސާހިބާ އިތުރަށް ވިދާޅުވިއެވެ. "މާތް اللّــــه ވަނީ އަޅުގަނޑު އެކަލާނގެ ރަސޫލަކު ކަމުގައި ޚިޔާރުކުރައްވައިފައެވެ. އެކަލާނގެ ދީނާއިގެން މީސްތަކުންގެ ގާތަށް ފޮނުއްވައިފައެވެ. އަޅުގަނޑު މިގެންދަނީ އެހެންމީހުންނަށް އެދީނަށް ދަޢުވަތު ދެމުންނެވެ. އެދީން ޤަބޫލުކުރާން ނަސޭހަތް ދެމުންނެވެ. އެކަމަކު އެހެންމީހުންނަށްވުރެ އެކަމަށް، ޙައްޤުކަންބޮޑީ ބޮޑުބޭބޭފުޅެވެ. އެހެން މީހުނަށްވުރެ ކުރީން މިދީން ޤަބޫލުކުރައްވައި އަޅުގަނޑަށް އަތްބާރުއަޅުއްވައިދެއްވުން އެންމެ ޙައްޤުކަން ބޮޑީވެސް ބޮޑުބޭބޭފުޅެވެ."

أبـــوطــالــب ގެފާނު ޖަވާބު ދެއްވިއެވެ. "އޭ އަހަރެންގެ ކޮއިފުޅާއެވެ. އަހަންނަކަށް އަހަރެން އުޅެމުންއައި ކާބަފައިންގެ ދީން ދޫކޮށެއް ނުލެވޭނެއެވެ. އެކަމަކު اللّــــه ގަންދެމެވެ. އަހަރެން ދުނިޔޭގައި ހުރިހައި ހިނދަކު ކޮއިފުޅަކަށް ކޮއިފުޅު ނުރުހޭ ކަމަކާ (ބައެއްގެ އިހާނެތިކަމަކާ) ކުރިމަތިވިޔަކަ ނުދޭނަމެވެ."

ބައެއް ރިވާޔަތްތަކުގައިވާގޮތުން أبـــوطــالــب ގެފާނު މި ސުވާލުކުރެއްވީ އެކަލޭގެފާނުގެ ދަރިކަލުން عــلــــــى ގެފާނާއެވެ. عــلــــــى ގެފާނު ޖަވާބުދެއްވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ. އަޅުގަނޑު މާތް اللّــــه އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެއްޖައީމެވެ. މާތް اللّــــه ގެ ރަސޫލާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދައްކަވާ ހުރިހައި ވާހަކަފުޅުތަކެއް އަޅުގަނޑު ތަޞްދީޤު ކޮށްފީމެވެ. އަޅުގަނޑަށް ފެނުނީ އެކަލޭގެފާނަކީ ތެދުވެރި ބޭކަލަކު ކަމުގައެވެ. އަޅުގަނޑު އެކަލޭގެފާނުގެ އަރިހުގައި މާތް اللّــــه އަށް އަޅުކަންކޮށް ނަމާދުކޮށްފީމެވެ. އެކަލޭގެފާނާ ތަބާވެއްޖައީމެވެ."

أبـــوطــالــب ގެފާނު ވިދާޅުވިއެވެ. "އޭ عــلــــــى އެވެ! މީނާ (رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم) ދަރިފުޅަށް ދަޢުވަތުދޭނީ ހެޔޮކަމަކަށެވެ. އެގޮތުގައި ސާބިތުވެ ހުންނާށެވެ! (ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު: ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر)

(ނުނިމޭ)