އެފްރިކާއާއި އޭޝިއާގައި ހިމެނޭ ގައުމުތަކުގެ ތާއީދާއެކު ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އާ ދައުރަކަށް ކުރަމުންދާ އުންމީދަށް ބޮޑު ހިތްވަރެއް ލިބިއްޖެއެވެ.

ފީފާ ރައީސްކަމުގެ ހަތަރު ވަނަ ދައުރަކަށް އިންފަންޓީނޯ ވާދަކުރައްވާނެކަމަށް އިއުލާނު ކޮށްފައި ވަނީ އެންމެފަހުން ކެނެޑާގައި އޮތް ފީފާގެ ކޮންގްރެސްގައެވެ. އެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، 2027 ވަނަ އަހަރު އޮންނަ ފީފާ ރައީސްކަމުގެ އިންތިހާބުގައި ވާދަކުރައްވާނެކަމަށާއި، ފުޓުބޯޅަ އިދާރާތަކުގެ ތާއީދު އެކަމުގައި ބޭނުންވާ ކަމަށެވެ.

އިންފަންޓީނޯ އެކަން އިއުލާނުކުރުމުގެ ކުރިން، ފީފާ ކޮންގްރެސްއަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެފްރިކާއިން ވަނީ އެކަމަށް ތާއީދުކުރާ ކަމަށް ބުނެ ބަޔާން ނެރެފައެވެ. އެފްރިކާގެ ރީޖަނަލް ފުޓުބޯޅަ އިދާރާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ބުނީ، އެ ކޮންފެރޭޝަންގެ ހުރިހާ ގައުމަކުން ފާޅުގައި އިންފަންޓީނޯއަށް ތާއީދުކުރާ ކަމަށެވެ.

އެއާއެކު އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީގެ ރައީސް ސަލްމާން ބިން އެބްރާހީމް އަލް ހަލީފާ ނެރުއްވި ބަޔާނުގައިވެސް ވިދާޅުވީ، އިންފަންޓީނޯއާއެކު ފީފާ އޮތީ ހަރުދަނާވެފައި ކަމަށާއި، އޭޝިއާ ފުޓުބޯޅައިން އަބަދުވެސް އޭނާއަށް ތާއީދު ކުރާ ކަމަށެވެ. އަދި އިންފަންޓީނޯއަކީ އޭޝިއާވެސް ބަލައިގަންނަ ރައީސެއް ކަމަށް ބަޔާނުގައިވެއެވެ.

އެ ދެ ބައްރުގެ ވޯޓާއެކު، އިންފަންޓީނޯއަށް އެއީ 101 ވޯޓު ހަމަ ކުރެވުނީއެވެ. ޖުމުލަ 211 ގައުމަކުން ފީފާގެ އިންތިހާބުގައި ވޯޓުލާ އިރު، އިންފަންޓީނޯ ވަނީ ދެކުނު އެމެރިކާގެ 10 ވޯޓެއްވެސް ޔަގީން ކުރައްވައިފައެވެ. އެއީ ކޮންމެބޯލް ގައުމުތަކުންނެވެ.

އިންފަންޓީނޯ ފުރަތަމަ ފީފާ ރައީސްކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އެއީ ކޮރަޕްޝަނުގެ މައްސަލަގަނޑެއްގައި ސެޕް ބްލެޓާގެ ވެރިކަން ވެއްޓުނުފަހުން ބޭއްވި އިންތިހާބުގައެވެ. ކުރިން ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރެއްވި އިންފަންޓީނޯއަށް މިފަހަކަށް އައިސް ބައެއް ފާޑުކިޔުންތަކާ ކުރިމަތިލައްވަން ޖެހިފައިވެއެވެ.

ހާއްސަކޮށް މިފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާގެ ސިޔާސީ ކަންކަން ވައްދައި، މިހާރުގެ ރައީސް ޑޮނަލްދް ޓްރަމްޕް ޕްރޮމޯޓް ކުރުމަށް ކުރައްވާ ތަފާތު ކަންކަމުގައި އިންފަންޓީނޯގެ މަގުބޫލުކަން ވަނީ ކުޑަވެފައެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އެތައް ހަމަލާތަކަކަށް ނުބަލައި، އިޒްރޭލަށް ފިޔަވަޅު އެޅުމަށް ނުކުރުމަކީވެސް އިންފަންޓީނޯއަށް ފާޑުކިޔުން އަމާޒުވާ ސަބަބެކެވެ. ރަޝިއާއިން ޔުކްރެއިނާ ހަނގުރާމަ ފެށި ކަމަށް ބުނެ، އެންމެ 48 ގަޑިއިރު ތެރޭ ރަޝިއާ ފުޓުބޯޅައިން ބޭރުކުރި ނަމަވެސް، އެހެން އެއްވެސް ހަނގުރާމައެއް ކުރަމުންދާ ގައުމަކަށް އިންފަންޓީނޯއާއި ފީފާއިން ފިޔަވަޅު އަޅާފައެއް ނުވެއެވެ.