ސެޕްޓެމްބަރު 29، 2014ގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ/ ގޯލްޑްލީފް، ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފުވައްމުލަކު ސިޓީ، ހިލްޓަން/ ޔާމީން ރަޝީދު ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.
ހުޅުމާލެ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހާރިސް އަބްދުލްގަފޫރު މަރުވި މައްސަލައިގައި، ޔާމީން ރަޝީދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ 20 ނޮވެމްބަރު 2017 ގައެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށްފަހު މައްސަލަ ބަލައި، 29 ޑިސެމްބަރު 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް، ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ، 12 ފެބްރުއަރީ 2023 ގައި ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ދޫކޮށްލި ޔާމީން ރަޝީދު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށްވެސް ދައުލަތުން ހައިކޯޓުގައި އެދުނެވެ. އޭނާ ބަންދު ކުރަންޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނީ އޭނާ ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށްވުމާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމެވެ.
ޔާމީންގެ ބަންދާ ގުޅޭގޮތުން 20 ނޮވެމްބަރު 2024 ވަނަ ދުވަހު، ހައިކޯޓުން ކަނޑައެޅީ ޔާމީން ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމާއި، ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދު ކުރުމަށް ހައިކޯޓުން އަމުރެއް ނުކުރިއެވެ.
ނަމަވެސް ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނުއަސާސީ އާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާއި ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލައިގައި 9 މާޗް 2025 ގައި ސުޕްރީމް ކޯޓުން ހުކުމްކުރީ، އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރި އިރު، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ޔާމީންގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން އެ މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން، ޔާމީން އަލުން ބަނދުކޮށްދިނުމަށް ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން އެދުނެވެ.
ނަމަވެސް ޔާމީންގެ ދިފާއީ ވަކީލު ވިދާޅުވީ، ކުރީގައި ބޯ ދިގުކޮށްގެން އުޅުނު ނަމަވެސް، ގެ އަށާއި ވަޒީފާއަށް ވަގުތު ދީފަ އެހެންކަމެއް ކުރާނެ ވަގުތެއް މިހާރު ޔާމީނަށް ނޯންނަ ކަމަށެވެ. ދެން ކުރާހާވެސް ކަމަކީ ހުމާލޭގައި ހުންނަ ތަނަކަށް ފުޓްބޯޅަ ކުޅެން ދިއުން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ވަކީލު ވިދާޅުވީ، ޔާމީންގެ ކޮންޓެކްޓްތައް ހުރީ އާއިލާ މީހާއާއެއްކޮށް ކަމަށެވެ. އަދި އޭނާގެ ފަރާތުން ސޮސައިޓީއަށް ތުރެޓެއް ނެތް ކަމަށާއި، އެފަދަކަމެއް އޮތްނަމަ، އިންޓެލިޖެންސް އިދާރާތަކުން، އޭގެ މައްޗަށް އެކަންކަން ހުށަހެޅީސް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން މިހާތަނަށް އުޅުން ގޯސް މީހަކު ކޯޓުން ބަންދުކޮށްފައިވާތަން ނުފެންނަ ކަމަށާއި، ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިނުވާއިރު، އޭނާ ފަށާފައިވާ ޒަވާޖީ ހަޔަތާއި، ވަޒީފާ އަދާކުރަމުންދިއުމަށް ހުއްޓުމެއް އައިސްގެންނުވާނެ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން އޭނާ ބަންދު ކުރާނެ ކަމައެއްނެތް ކަމަށް ކަނޑައަޅައިދެއްވުމަށް ދިފާއީ ވަކީލު ކޯޓުގައި އެދުނެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، ޔާމީނަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ކުށެއްގެ ޝަރީއަތް ކަމަށެވެ. އޭނާ ވަނީ ރަހުމެއް ނެތް ގޮތަށް އިންސާނެއްގެ ފުރާނަ ނަގާލާފައި ކަމަށާއި، އެއަށްފަހު އަލިކަމެއް ނެތް ފަޅުތަނަކަށް އޭނާ ދޫކޮށްލާފައވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ އެކަންކުރީ، އެތަކެއް ދުވަސްވަންދެން ހާރިސަށް ފާރަކައިގެން ހޯދައިގެން ދައުލަތުގެ އިދާރާއެއްގައި ބަންދުގައި ހުރެފައި، ލިބަޓީ ޓައިމްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ އެ ކުށް ކުރީވެސް އޭގެ ކުރިން ކުށެއްނުކޮށް ހުރުމަށްފަހުގައި ކަމަށާއި، އެހެންކަމުން މީގެފަހުން ކުށެއް ނުކުރުމަކީ އޭނާ އަދިވެސް ކުށް ނުކުރާނެ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޔާމީނަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށާއި، އޭނާ ކުރީ ޖިނާއީ ބޮޑުކުށެއް ކަމުން އެ ކަންތައްތަކަށް ރިއާޔަތްކޮށް އޭނާ ބަންދު ކޮށްދިނުމަށް ދައުލަތުން އެދުނެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑީޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅުން ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު