މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަސް ދުނިޔޭގައި ފާހަގަކުރަން ފެށުނީ 1994 ގައެވެ. ވީމާ، 32 އަހަރުވީއެވެ.
ކުރިއާއި ޚިލާފަށް ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިއަރާފައިވާ އިލްމާއި މައުލޫމާތާއި އުފެއްދުންތެރިކަމާއި އީޖާދުކުރުމާއި ވިޔަފާރިއާއި ދަތުރުފަތުރާއި މުއާސަލާތުގެ ވަސީލަތްތަކުގެ ސަބަބުންނެވެ. މި ބަވަނަވެ ގުޅިލާމެހިފައިވާ ދުނިޔޭގައެވެ. މިޒަމާނުގައި ކުރީޒަމާނާ ޚިލާފަށް، ނޫސްވެރިކަމާއި ލިޔުންތެރިކަން ބޮޑަށް ބިނާވެފައި މިވަނީ، ޓީވީ، އަދި އޮންލައިން ނޫސްމަޖައްލާތަކާއި، މީސްމީޑިއާގެ މުއާސަލާތުގެ ވިއުގައިގެ ތެރެއިންނެވެ. ވެބުސައިޓުތަކާއި ފޭސްބުކް، ޓުވިޓަރު، އަދި ވައިބަރު ފަދަ ވަސީލަތްތަކުގައި ލިޔާ ލިޔުންތަކުގެ މައްޗަށެވެ. ވީމާ، މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިންނެވެ. މިހާރު ލިޔުންތެރިކަމާއި ދުރުގައި ހުންނަ މީހަކީ އިޖުތިމާއީ ގޮތުން "އެކަހެރި" މީހެއް ކަމަށް ބެލެވިދާނެއެވެ.
ޤާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފެށުނުތާ މިއީ 93 އަހަރު ފުރޭ އަހަރެވެ. 100 އަހަރު ވާން ކައިރިވީއެވެ. 8 ޖުލައި 1933 ގައި ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރެން ފެށި ނޫސްމަޖައްލާ "އަލްއިޞްލާޙު" އެއީ ރާއްޖޭގެ ނޫސްވެރިކަން ފެށުމެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެވުނު ނޫސްމަޖައްލާއެއްކަން ފާހަގަކުރަން ޖެހެއެވެ.
އަލްއިޞްލާޙު މަޖައްލާގެ ރައީސުއްތަހުރީރު (އެޑިޓަރ އިން ޗީފް)އަކީ، ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް ޙައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯވ، ޖަސްޓިސް އެންޑް ރިލިޖަސް އެފެއާޒް) ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. މުޙައްރިރު، މުދީރު، (އެޑިޓަރ، ޑިރެކްޓަރ)އަކީ، ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުއް ދާޚިލިއްޔާ މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލް މަޢާރިފް (މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ. ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރެވުނު ނޫސްމަޖައްލާ އަލްއިޞްލާޙުގެ ލަފުޒީ މާނައަކީ "ރިފޯމް"އެވެ. ވީމާ، އެއީ ރިފޯމް ކުރުމެއް ނުވަތަ އިސްލާހީ ހަރަކާތެއްގެ ފެށުމެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއާއި އެކުގައެވެ. މަގުސަދަކީ ހޭލުންތެރިކުރުވުމެވެ. ދީނާއި ދުނިޔޭގެ ކަންކަމަށެވެ. މި މަޖައްލާގެ ލިޔުންތެރިންގެ ތެރޭގައި ރާއްޖޭގައި އޭރު ތިއްބެވި އެންމެ މޮޅު ޢިލްމުވެރި ލިޔުންތެރިން ހިމެނިވަޑައިގެންނެވިއެވެ. އަދި މި މަޖައްލާގެ ލިޔުންތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ޚަބަރުތައް، ދީނީ، އިލްމީ، ތައުލީމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ، ސިއްހީ، އިޖުތިމާއީ، އިގުތިސާދީ، މާހައުލު އަދި އީޖާދުތަކާއި ޓެކުނޮލޮޖީއާބެހޭ ލިޔުންތައްވެސް ހިމެނުނެވެ. ވީމާ، މިއީ އޭރަށް ބަލާއިރު ހުރިހާ ދާއިރާއެއް "ހުރިހާ ރަހައެއް އެކުލެވޭ ލޮނުހެޔޮވަރު" ފުރިހަމަ ނޫސްމަޖައްލާއެކެވެ.
ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ޤާނޫނީގޮތުން އާންމުކޮށް ލިބުނީ މީގެ 94 އަހަރު ކުރިން، 22 ޑިސެމްބަރު 1932 ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ. މާއްދާ 12 ގައި ބުނަނީ މިހެންނެވެ. "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، އެމީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ލަފާތައް، ދުލުން ނުވަަތަ ގަލަމުން ފައުޅުކުޅައުމަށް މިނިވަންކަން ލިބގެންވެއެވެ" އަދި މާއްދާ 13 ގައި ބުނަނީ މިހެންނެވެ. "ޤާނޫނުގައި ކަނޑައެޅިބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، ފޮތް ގެނުވުމާއި، ނޫސް ގެނުވުމާއި، މިފަދަތަކެތި ލިޔެ ޗާޕުކޮށް ފައުޅުކުރުމާއި، މިކަންކަމަށް މިނިވަންކަން ލިބގެންވެއެވެ".
މިރާއްޖޭގައި އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފެށުނީ 8 ޖުލައި 1993ގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނު 8 ޖުލައި 1933އަށް ނިސްބަތްކޮށެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި 5 ޖޫން 1943ގައި ސަރުކާރުން ނެރުއްވަން ފެށްޓެވި "ސަރުކާރުގެ ޚަބަރު" ނޫސް އެއީ ނޫހެއްގެ ފެށުމެކެވެ. ރާއްޖޭގެ ނޫސްވެރިކަން އެއިގެ 10 އަހަރުކުރިން "އަލްއިޞްލާޙު" މަޖައްލާއިން ވަނީ ފެށިފައެވެ.
އަމިއްލަ ފަރާތަކުން އެންމެ ފުރަތަމަ ނެރުނު ނޫސް “ޒަމާން" ނެރެން ފެށުނީ 1958ގައެވެ. ރާއްޖޭގައި އެންމެ ގިނަދުވަހު ނެރުވުނު ޕޭޕަރު ނޫސް "ހަވީރު" ނެރެން ފެށުނީ 1979ގައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އޮންލައިން ނޫހަކީވެސް ހަވީރު އޮންލައިންއެވެ.
އެޑިޓަރުގެ ނޯޓު:
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު

ތާރީޚު
ތާރީޚު
ތާރީޚު
ތާރީޚު