އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ފުލަމް ބަލިކޮށް، ލީގު ރޭހުގައި ޕްރެޝަރު ދަމަހައްޓައިފިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގެ ނިމުންވެސް ފޯރިގަދަވެފައިވާ އިރު، ތަށީގެ ރޭހުގައި ވާދަކުރަމުން ދަނީ އާސެނަލާއި މެންޗެސްޓާ ސިޓީއެވެ. ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލް ތާވަލުގެ އެއްވަނަ ދަމަހައްޓާފައިވީ ނަމަވެސް، މިހާރު އަނެއްކާވެސް އެއްވަނައަށް ފުރުސަތު ބޮޑުކޮށް އޮތީ ސިޓީއެވެ. އެއީ އަމިއްލަ ބާރުގައި އެއްވަނަ ދަމަހައްޓަން ސިޓީއަށް ފުރުސަތު ބޮޑުކޮށް އޮތުމުންނެވެ. އެ ބާރު އާސެނަލަށް ގެއްލުނީ މިދިޔަ މަސް ތެރޭގައެވެ.

އާސެނަލުން ރޭ އަމިއްލަ ދަނޑުގައި 3-0 އިން ފުލަމް ބަލިކޮށްފައިވާ އިރު، އެ ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ 35 މެޗުން 76 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސިޓީ، 33 މެޗުން 70 ޕޮއިންޓާއެކު އޮތް އިރު، މެޗު ހަމަކޮށް އެއްވަނައަށް ޖެހިލަން ސިޓީއަށް އަދިވެސް ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ ފައިދާ ގޯލްގެ ފަރަގުންނެވެ. އާސެނަލް ފައިދާ 41 ގޯލާއެކު އޮތް އިރު، ސިޓީ އަތުގައި އޮތީ ފައިދާ 37 ގޯލެވެ.

ލީގު ކަޕް ފައިނަލްގައި ސިޓީ ކައިރިން ބަލިވި މެޗަށްފަހު ފުރަތަމަ ފަހަރަށް ބުކަޔޯ ސަކާ ފުރަތަމަ 11 ގައި ހިމެނިފައިވާ އިރު، ރޭގެ މެޗުގައި އޭނާގެ ތަފާތުވެސް ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ކޮޅުގައިވެސް އާސެނަލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ނުރައްކާ ކުރަމުން ގޮސްފައިވެއެވެ. ސަކާއާއި ވިކްޓޯ ޔޯކެރޭޝްގެ ދެ ހަމަލާ ބާންޑް ލެނޯ މަތަކުރި އިރު، ގޯލް ފެނުނީވެސް ޔޯކެރޭޝްގެ ފަރާތުންނެވެ. އެއީ ސަކާ ތަނަވަސް ކޮށްދިން ބޯޅައެއްގައެވެ.

އޭގެފަހުންވެސް އާސެނަލް ނުރައްކާ ކުރަމުން ގޮސް، ސަކާގެ ގޯލަކާއެކު ލީޑު ފުޅާކުރިއެވެ. އެއީ ހާފު ނިމެން ދަނިކޮށް ޔޯކެރޭޝް ނަގައިދިން ހުރަހެއްގައި ޖަހައިދިން ގޯލެކެވެ. އާސެނަލުން އެ ޕްރެޝަރުގައި ފުރަތަމަ ހާފު ނިންމާލަން ދިޔަ އިރު، އިތުރު ގޯލެއްވެސް ޖަހައި މެޗު ޔަގީންކުރިއެވެ. އެ ގޯލްވެސް ޖެހީ ޔޯކެރޭޝްއެވެ.

ދެވަނަ ހާފުގައިވެސް އާސެނަލުން އިތުރު ހަމަލާތަކާއެކު ނުރައްކާ ކުރި ނަމަވެސް އިތުރު ގޯލެއް ފެނިފައެއް ނުވެއެވެ.

ލީގުގައި ރޭ ވެސްޓް ހޭމްއިން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން 3-0 އިން ބަލިވެފައިވާ އިރު، ވެސްޓް ހޭމްއަށް ވަނީ ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެޓީމު މިވަގުތު އޮތީ 17 ވަނައިގައެވެ. އެއީ 35 މެޗުން 36 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް 18 ގައި އޮތީ 34 މެޗުން 34 ޕޮއިންޓާއެކުގައެވެ.