ބަލި މީހުންނަށް ބޭނުންވާ ބޭސް ރައްޖެއިން ނުލިބޭ މައްސަލަ އާއި ލިބެން ހުންނަ ބޭސްވެސް ލިބުން ދަތިވާ މައްސަލައިގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ)ގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ކޮމިޓީން މިގޮތަށް ނިންމީ ބޭސް ލިބުން ދަތިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ކުޑޫ ވިދާޅުވެފައިވަނީ، ރާއްޖޭން ނުލިބޭ ބޭސް، ރާއްޖެއިން ބޭރުން ގެނައުމުގައި، އާންމު ރައްޔިތުންނާއި އެސްޓީއޯ އާ މުއާމަލާތްކުރުމުގައި އޮޅުންތަކެއް އަރަމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން ބޭހަށް އޯޑަރު ނުދެވި، ބޭސް ނުލިބުމުގެ ސަބަބުން ބޭސް ބޭނުންވާ މީހުން ހާސްކަމެއްގެ ތެރެއަށް ގޮސް، އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަަށްވެސް ބުނެފައިވެއެވެ. މިފަދަ މައްސަލަތައް އަމިއްލަ ގޮތުން އަމިއްލައަށް ތަޖުރީ ކުރައްވާފައިވާ ކަމަށްވެސް ކުޑޫ ވިދާޅުވިއެވެ.
މި މައްސަލައާ ބެހޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮމިޓީގައި ބަހުސްކޮށްފައެވެ.
އެއަށްފަހު، އެ މައްސަލައާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯއްދެވުމަށް އެސްޓީއޯ އާއި ސްޓޭޓް ފާމާއާ ބައްދަލުކުރެއްވުމަށް މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވިއެވެ. އެއަށް ތާއީދު ކުރެއްވީ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރެވެ.
އެ ކޮމިޓީން މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ކުންފުނިތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް އިތުރު މައުލޫމާތު އޮޅުންފިލުއްވުމަށްފަހު އެކަމަށް ކޮމިޓީން ގޮތެއް ކަނޑައެޅުމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ