ޝަރުތު ހަމަވާ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމުގެ ހިޔާލެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕޭންގެ ތެރެއިން ތ. ކިނބިދޫގައި ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ވަކި މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ބޭރުން މީހުން ގެންނަ އިރު، ދިވެހި ރައްޔިތުކަން ދިނުމަށް ޝަރުތު ކުރެވިދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެއްސަކަށްވުމުގެ ޝަރުތުތަކެއް ހުރޭތާ. އެ ޝަރުތުތައް ހަމަވާ، ބޭރު މީހުން ގެންނަންވީނު، ހަމަ ދިވެހި ރައްޔިތުކަން ދީފަ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަލަސްތީނާއި މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގައި ރަނގަޅު މޮޅު މީހުން އެބަތިބި ކަމަށާއި އެއީ ވަންނާނެ ތަނެއް ނެތިފައި، ރެފިއުޖީ ކޭމްޕްތަކުގައި ތިބި މުސްލިމުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާފައިވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ވެސް ނަޝީދު ވާހަކަދެއްކެވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނުބާއްވައިފިއްޔާ ޕާޓީ ތެރޭގެ މަސްލަހަތު މާ ގޯސްވާނެ ކަމަށާއި އެންމެ ތާއީދު ބޮޑު ލީޑަރެއް ދެނެގަތުމަށް އިންތިހާބު ބޭއްވުން މުހިންމު ކަމަށެވެ.