އެމްޑީޕީގެ އެތެރޭގެ އިންތިހާބު ނުބާއްވައިފި ނަމަ، ޕާޓީގެ މަސްލަހަތު މާ ގޯސްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ރައީސް ނަޝީދު، ކެމްޕޭނުގައި ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާފައިވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަނގަޅު ވޯޓެއް ނަގާފައި، އެމްޑީޕީގެ ތެރޭގައި ތާއީދު ބޮޑު ލީޑަރަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށާއި އެ ވޯޓުން ކަންކަން ސާފުވެގެންދާނެ ކަމަށެވެ. އަދި މައްސަލަ ޖެހުމުން އެ މަނިކުފާނާއި ރައީސް ސޯލިހާ ފޮޓޯއެއް ނަގާލުމަށްފަހު އަނެއްކާ ވެސް ކަންތައްތައް ހަމަ ކުރީގައި ހިނގަމުންދާ ގޮތަށް ގޮސް، ހިތްހަމަނުޖެހުން އުފެދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި އިންތިހާބު ނުބާއްވައިފިއްޔާ މަސްލަހަތު މާ ގޯސް. މިސާލަކަށް އެއް ބަޔަކު އެބަތިބި ރައީސް ސޯލިހާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބަޔަކު، އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ މީހުން، ހަމަ އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިހާރު އޮތް ގޮތަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވައި، އެކަން ނިމުނީމާ މާ ކާމިޔާބުވާނެ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރުމަށްޓަކައި ގަފޫރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިވަގުތު އިންތިހާބު ބާއްވައިފި ނަމަ، ޕާޓީގެ ތެރޭގައި އުފެދޭނެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާތީ، އިންތިހާބު ބޭއްވޭނެ ފަދަ މާލީ ތަނަވަސްކަމެއް ޕާޓީގައި މިވަގުތު ނެތެވެ. އެހެންކަމުން، ޕާޓީ ހިންގުމަށްޓަކައި ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށްފަހު، އެކަން ގައުމީ މަޖިލީހުން ފާސްކުރުމަށް އޭނާ ވަނީ ލަފާދެއްވައިފައެވެ.
ގަފޫރުގެ އެ ހުށަހެޅުމާ އެއްގޮތަށް އިންތިހާބު ފަސްކޮށްފި ނަމަ، މިއީ މި އިންތިހާބު ފަސްކުރާ ދެވަނަ ފަހަރަށް ވާނެއެވެ.
ޗެއާޕާސަން އިންތިހާބު ފަސްކުރަން ހުށަހެޅި އިރު، ޗެއާޕާސަންކަމަށް ރައީސް ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ. ގަފޫރުގެ އެ ހުށަހެޅުއްވުމަށް ރައީސް ނަޝީދު އަދި މީކާއީލް ވެސް ދެކޮޅުކަން ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ގައުމީ މަޖިލީހުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބާއްވާ ގޮތަށް ނިންމައިފައެވެ. މި މައްސަލައިގައި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އަސާސީ ގަވާއިދުން ދީފައިވަނީ އޭނާއަށް ކަމަށާއި އޭނާއަށް އެންގުމެއް ނެތި އިންތިހާބުގެ ޓައިމްލައިން އިއުލާންކުރުމަކީ ގަވާއިދާ ހިލާފު ބާތިލު ނިންމުމެއް ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު