އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައި، އީރާނާއެކު ފެށުނު އަސްކަރީ ކުރިމަތިލުންތައް ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
ކޮންގްރެސްގެ އިސްވެރިންނަށް ޓްރަމްޕް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ، މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ހަމަލާތައް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ގެނެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްވެސް ޙަމަލާއެއް ބަދަލުކުރެވިފައި ނުވާ ކަމަށް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ވޯ ޕަވާސް ރިޒޮލިއުޝަން ގާނޫނުގެ ދަށުން، ކޮންގްރެސްގެ ރުހުމަކާ ނުލައި އެއްވެސް ގައުމަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގޭނީ ގިނަވެގެން 60 ދުވަހުގެ މުއްދަތަކަށެވެ. އީރާނަށް ހަމަލާދޭން ފެށިތާ 60 ދުވަސް ހަމަވާ ތާރީހަކީ މެއި 1 ވަނަ ދުވަހެވެ. ނަމަވެސް، ހަމަލާތައް މެދުކަނޑާލެވިފައިވާތީ، ކޮންގްރެސްގެ އިތުރު ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމައިފައެވެ. މިއީ ގާނޫނީ ގޮތުން ކޮންގްރެސްއިން ފާސްކުރަންޖެހޭ ހުއްދައަކުން ސަލާމަތްވުމަށް ރައީސް ޓްރަމްޕް އެޅުއްވި ފިޔަވަޅެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.
ރައީސް ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް މެމްބަރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސެނެޓްގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ އަދި ސެނެޓަރު ޖީން ޝާހީން ފަދަ ބޭފުޅުން ވިދާޅުވެފައިވަނީ، ހަނގުރާމަ ނިމިއްޖެ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާ ވާހަކަފުޅަކީ ހަގީގަތެއް ނޫން ކަމަށެވެ. އެބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިން އަދިވެސް ދަނީ އީރާނުގެ ކަނޑުގެ ސަރަހައްދުތައް ބަންދުކޮށްގެން ތިބެ، އެ ގައުމުގެ ތެލުގެ ވިޔަފާރިއަށް ހުރަސްއަޅަމުންނެވެ. އެހެންކަމުން އެއީ ހަގީގީ މާނައިގައި ހަނގުރާމަ ނިމުން ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
ހަނގުރާމަ ނިމިއްޖެ ކަމަށް އިއުލާންކުރެއްވި ނަމަވެސް، އީރާނުގެ ފަރާތުން އެމެރިކާއަށާއި އެމެރިކާގެ ސިފައިންނަށް އޮތް ނުރައްކާ އަދިވެސް ކުޑަނުވާ ކަމަށް ރައީސް ޓްރަމްޕްގެ ސިޓީގައި އެއްބަސްވެވަޑައިގެންފައިވެއެވެ. އީރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް ދިފާއުކުރާނެ ކަމަށް ބުނަމުންނެވެ.
އޭގެ އިތުރުން، ހުރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް މަޝްވަރާތައް ކުރެވެމުންދިޔަ ނަމަވެސް، މިއީ އަދިވެސް މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް