ސީދާ ބީޗް ގޭމްސްއަކަށް އެތުލީޓުން ބިނާކުރެވިގެން ރާއްޖޭގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަންޔާގައި ކުރިއަށްދިޔަ އޭޝިއަން ބީޗް ގޭމްސް ރޭ ރަސްމީކޮށް ނިމިގެން ގޮސްފައިވާ އިރު، މިފަހަރުގެ ގޭމްސްގައި ރާއްޖޭން ބީޗް އެތުލެޓިކްސް، އޯޕަން ވޯޓާ ސްވިމިންގެ އިތުރުން ބީޗް ހޭންޑްބޯޅައާއި ބީޗް ވޮލީބޯޅައިގައި ވާދަކޮށްފައިވެއެވެ. އެއީ ޖުމުލަ 27 އެތުލީޓުންނެވެ.

ސައްތާރު ވިދާޅުވީ މިފަހަރުގެ ގޭމްސްއިން ޒުވާން އެތުލީޓުން ފެނިގެން ގޮސްފައިވާ ކަމަށާއި، އެއީ މުސްތަގުބަލަށް ހެޔޮ ފާލެއް ކަމަށެވެ.

"ޒުވާން އެތުލީޓުންތަކެއް މިފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރި. އެއީ ވަރަށް އުންމީދީ މަންޒަރެއް ގޮތުގައި ފެނިގެން ދިޔައީ. އެއީ އެ އެތުލީޓުންނަށް ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް. ހާއްސަކޮށް ބީޗް އެތުލެޓިކްސްއާއި އޯޕަން ވޯޓާ އަދި ބީޗް ވޮލީގައިވެސް ވަރަށް ޒުވާން އެތުލީޓުންތަކެއް މިފެނިގެން ދިޔައީ. އެއީ ދުރު ރާސްތާގައި ވަރަށް ބޮޑަށް ކުރިއެރުމެއް ލިބޭނެކަމެއް. މި ތަޖުރިބާއާއެކު ދެން ދާ ގޭމްސްތަކުގައި އެއަށްވުރެ ރަނގަޅު ޕާފޮމަންސް ދެއްކޭނެ،" ސައްތާރު ފާހަގަކުރެއްވިއެވެ.

އޭގެފަހުން ސައްތާރު ވަނީ މިފަހަރުގެ ގޭމްސްގައި ބީޗް ހޭންޑްބޯޅަ ޓީމުން ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ.

"ބީޗް ހޭންޑްބޯޅަ ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. ހޭންޑްބޯޅަ ޓީމުން ފެނުނީ މިތަނަށް އައިފަހުންވެސް ޕާފޮމަންސް ރަނގަޅު ކުރަމުންދިޔަތަން. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ދެއްކި ކުޅުމުން ވަރަށް ގިނަ ބަޔަކު ސިއްސުވާލިހެން އަޅުގަނޑަށް ހީވަނީ،" ސައްތާރު ފާހަގަކުރެއްވިއެވެ.

ސައްތާރު ވިދާޅުވީ 2028 ވަނަ އަހަރު ފިލިޕީންސްގެ ސެބޫގައި އޭޝިއަން ބީޗް ގޭމްސް އޮންނަ އިރު، އެ ގޭމްސްގައި ޕާފޮމަންސް ރަނގަޅު ކުޅުމަށް ބީޗް ގޭމްސްއަށް ހާއްސަ އެތުލީޓުން ބިނާކުރަން ޖެހޭ ކަމަށެވެ.

"ސީދާ ބީޗް ގޭމްސްއަށް ހާއްސަ އެތުލީޓުން ބިނާކުރަން އެބަޖެހޭ. އޭގެ ނަތީޖާ ބީޗް ހޭންޑްބޯޅައިން އެ ފެނުނީ. ސީދާ ބީޗް ގޭމްސްއަށް ތައްޔާރުވެ، ބީޗް ގޭމްސްތަކަށް އެތުލީޓުން ބިނާކުރެވިގެން މިއަށްވުރެ މާބޮޑަށްވެސް ނަތީޖާ ރަނގަޅު ކުރެވޭނެ. ޔަގީން އެކަން،" ސައްތާރު ވިދާޅުވިއެވެ.

ގޭމްސްގެ ކަންކަމަށް ވާހަކަ ދައްކަވަމުން ސައްތާރު ވަނީ ސްޕޯޓްސް މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ގޭމްސްތަކުގައި ރާއްޖޭގެ ކޮންޓިންޖެންޓްތަކަށް ބައިވެރިވެވެނީ މިނިސްޓްރީގެ އެހީއާއެކުގައި ކަމަށް ފާހަގަކުރައްވާ ސައްތާރު ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިފަހަރުވެސް ޗައިނާއަށް ވަޑައިގެން އެތުލީޓުންނަށް ދެއްވި ހިތްވަރު ފާހަގަ ކުރައްވައިފައެވެ.

އޭގެ އިތުރުން ސައްތާރު ވަނީ ގޭމްސްގައި އެކިއެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވި ފަރާތްތައްވެސް ފާހަގަކުރައްވައިފައެވެ.