ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނާއި ކޯޗުންގެ އިތުރުން އޮފިޝަލުންނާ ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) މިރޭ ބައްދަލުކުރައްވައިފިއެވެ.

ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ހަތަރު ކުޅިވަރަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ހޭންޑްބޯޅަ، ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.

މިނިސްޓަރު ރާފިއު ދިވެހި ކޮންޓިންޖެންޓާ ބައްދަލުކުރައްވާފައި ވަނީ މިރޭ އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. އެތުލީޓުންނާއި އޮފިޝަލުންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ޗައިނާގެ ސަންޔާގެ ހާއްސަކަން ފާހަގަކުރައްވައި، ކުޅިވަރު މުބާރާތްތަކުގައި އެގައުމެއްގެ ސަގާފަތާއި އާދަކާދަތައް ހޯދައި، އެކަމުގެ ތަޖުރިބާ ކުރުންވެސް މުހިއްމުކަން ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގައުމަށްޓަކައި ހިތްވަރު ދައްކައި، ގައުމަށްޓަކައި ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. އަދި މިހާތަނަށް އެތުލީޓުންގެ ފަރާތުން ފެންނަމުންދާ ހިތްވަރަށް ސަބާސް ދެއްވާ، ނަތީޖާތަކާ ދޭތެރޭ ހިތްހަމަ ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއް ސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުގެ އިތުރުން މިފަހަރު ގޭމްސްގެ ޗެފް ޑި މިޝަން އަހުމަދު އައުޝަންވެސް ބައިވެރިވެލެއްވިއެވެ.

ސައްތާރު ދެއްކެވި ވާހަކަފުޅުގައިވެސް އެތުލީޓުންނަށް ހިތްވަރު ދެއްވައި، މިހާރު ނެރެމުންދާ ނަތީޖާ ފާހަގަކުރައްވާފައިވެއެވެ.