ކެނަޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްއަށް ނުދެވުނަސް، އިރާނުން ވޯލްޑް ކަޕްގައި ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ކޮންގްރެސްގައި އިރާނަށް ބައިވެރިވެވިފައެއް ނުވެއެވެ. ފީފާގައި ހިމެނޭ 211 ގައުމުގެ ތެރެއިން އިރާނަށް އެކަނި ކޮންގްރެސްގައި ބައިވެރިވެފައި ނުވަނީ އިރާނުގެ ފުޓުބޯޅަ އިދާރާގެ ރައީސް މެހެދީ ތާޖާއެކު ކެނެޑާއަށް ދިޔަ އޮފިޝަލުން އެގައުމަށް އެތެރެވާން ހުއްދަ ދީފައި ނުވާތީއެވެ.

އެކަމުގައި ކެނަޑާގެ ފޮރިން އެފެއާޒް މިނިސްޓަރު އަނިޓާ އަނަންދު ވިދާޅުވީ އިރާންގެ އޮފިޝަލުން ކެނަޑާ އަށް އެތެރެވުމަަށް ހުއްދަ ދެވޭނެ ހާލަތެއް ނެތް ކަމަށެެވެ.

އެގޮތަށް ކެނެޑާއިން ނިންމީ އިރާން ފުޓުބޯޅަ އިދާރާގެ ރައީސް ތާޖަކީ އިރާނުގެ އިސްލާމިކް ރިވުލޫޝަނަރީ ގާޑް (އައިއާރްޖީސީ)އާ ގުޅުން އޮންނަ ފަރާތެއްކަމަށް ކެނެޑާގެ އިމިގްރޭޝަނުން ކަނޑައެޅުމާ ގުޅިގެން ކަމަށް ނޫސްތައް ބުނެއެވެ. އެ ޖަމާއަތަކީ ކެނެޑާއިން ބުނާ ގޮތުގައި ނިރުބަވެރި ޖަމާއަތެކެވެ.

އިރާނުން މާކުރިންވެސް މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށާއި، އެގައުމުގެ ރޫހީ ލީޑަރު އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދިންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ.

އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ.

އިރާނުން ވޯލްޑް ކަޕަށް ދާ ނަމަވެސް ރައްކާތެރިކަން ނުދެވޭނެކަމަށް އެމެރިކާ ރައީސް ޑޮނަލްޑް ޑްރަމްޕް ކުރިން ވިދާޅުވި ނަމަވެސް، އޭނާގެ ރާގު މިހާރު ވަނީ ބަދަލު ކުރައްވައިފައެވެ. އަދި އިރާން ކުޅުނަސް ހެޔޮ ކަމަށް އިއްޔެ ވިދާޅުވެސްވިއެވެ.

އެހެން އެކަން އޮތުމާއެކު ފީފާގެ ރައީސް އިންފަންޓީނޯއަށް މައްސަލަ ހައްލުކުރައްވަން ޖެހިފައިވުމާއެކު ފީފާ ކޮންގްރެސްގައި އޭނާ ވަނީ އިރާން ވޯލްޑް ކަޕްގައި ކުޅޭނެކަމަށް ވިދާޅުވެފައެވެ. އަދި އެމެޗުތައް ކުޅޭނީ އެމެރިކާގައި ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

"ޔަގީނުންވެސް އިރާން ވޯލްޑް ކަޕްގައި ކުޅޭނެ. އެމެރިކާގައި ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނީވެސް. އެކަން އެގޮތަށް ކުރަން ޖެހޭ ސަބަބުވެސް އެބައޮތް. މިކަން ކުރާނީ އެންމެން އެކުވެގެން. އެންމެން އެއްކޮށް ފުޓުބޯޅައިގައި ޝާމިލުވާނެ ގޮތެއް ހޯދަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވިއެވެ.

ވޯލްޑް ކަޕް ފަށަން ކުޑަ ދުވަސް ކޮޅަކަށްވެފައިވާ އިރު، އިރާން ކުޅޭނެ ކަމާމެދު އަދިވެސް ސުވާލުތަކެއް އެބަހުއްޓެވެ. މިފަހަރު އިރާން އޮތީ ގްރޫޕް ޖީގައެވެ. އެއީ ބެލްޖިއަމް، މިސްރު އަދި ބެލްޖިއަމާ އެކުގައެވެ.

އިއްޔެގެ ކޮންގްރެސްގައި ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ކުރިއަށް އޮތް ދައުރުގައިވެސް ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

އިންފަންޓީނޯ ދެން ކުރިމަތިލައްވާނީ 2027-2031 ވަނަ އަހަރުގެ ދައުރަށެވެ.