ޗެލްސީއަށް ކުޅެމުންދާ ޔުކްރެއިންގެ ވިންގް، މިހައިލޯ މުޑްރީކަށް ދީފާއިވާ އަދަބު، އޭނާ އިސްތިއުނާފް ކޮށްފިއެވެ.

އުމުރުން 25 އަހަރުގެ މުޑްރީކް މިހާރު ފުޓުބޯޅަ ނުކުޅެ ހުންނަތާ 18 ވަރަކަށް މަސް ވަނީ ވެފައެވެ. އެއީ މަނާ ބޭހަށް ޕޮސިޓިވްވެ، ހަތަރު އަހަރަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މުޑްރީކް ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑް ކުރީ ޑިސެމްބަރު 2024 ވަނަ އަހަރުއެވެ. އޭގެފަހުން ޖޫން 2025 ގައި މުޑްރީކްގެ މައްޗަށް މައްސަލަ އުފުލައި، އިނގިރޭސި އެފްއޭއިން ވަނީ އޭނާ ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމައިފައެވެ.

އެ މައްސަލައިގައި މުޑްރީކް ރަސްމީކޮށް ސަސްޕެންޑް ކުރީ މިއަހަރު ޖޫން މަހުގައި ނަމަވެސް، އޭނާގެ ސަސްޕެންޝަން ގުނަން ފެށީ ޑިސެމްބަރު 2024 އިންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން މުޑްރީކަށް ދެން އަނބުރާ ފުޓުބޯޅައަށް ނުކުންނާނީ ޑިސެމްބަރު 2028 ގައެވެ.

މުޑްރީކްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ސަސްޕެންޝަންގެ މައްސަލަ އިތުރަށް ބަލައިދޭން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ލިބިފައިވާ ކަމަށް ކާސްއިންވެސް ވަނީ ހާމަކޮށްފައެވެ.

މުޑްރީކްގެ ކެރިއަރު އުނދަގޫ ހާލަތެއްގައި އޮތް އިރު، އޭނާ ޗެލްސީއާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އެއީ 61 މިލިއަން ޕައުންޑަށެވެ.