ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުން، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ގާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ. ހަމަ އެރޭ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި އަމަލުކުރަން ފެއްޓެވިއެވެ.

ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސިއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ހުށަހަޅުއްވައިފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ނޫން ކަމަށާއި، އެ އިސްލާހު ބާތިލު ކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށެވެ.

އެ ހުކުމާ ގުޅިގެން ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިސްލާހު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އެ ޕާޓީން މަރުހަބާ ދަންނަވާ ކަމަށާއި ސުޕްރީމް ކޯޓުން ވެސް އެ އިސްލާހުގައިވާ ރަނގަޅު ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރި ހަގީގަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، މި ޕާޓީގެ އަގުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ގާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާނެއެވެ..،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ބުނީ އެ ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި އެފަދަ އުނި ކަންކަން އިސްލާހުކުރައްވައި، ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު ރައްޔިތުންގެ އަސާސީ ހައްގުތައް މިނިވަންކަން ކަށަވަރުކޮށްދެއްވުން ކަމަށް ޕީއެންސީން ބުންޏެވެ.

އެ ޕާޓީން ކުރިއަށްއޮތްތަނުގައި ވެސް އަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަގީންކޮށް އަރުވާ ކަމަށް ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.