މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު ރާއްޖޭގެ ނުވަ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މީގެ ކުރިން އެ ހިދުމަތް ދެމުން އައީ އެންމެ ހަތަރު ސަރަހައްދަކުން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ހަމައެކަނި މަސްވެރިންނަށް އޮތް ތަކުލީފެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މުޅި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ، ސަރުކާރުގެ އަމާޒަކީ މަސްދޯނިތަކަށް މެދުނުކެނޑި މަހަށް ފުރޭނެ ފަދަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިވަގުތު މަސްވެރިކަން ރަނގަޅު އަތޮޅުތައް ކަމަށްވާ ލ، ތ. އަދި މ. އަތޮޅަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މަސް އެކްސްޕޯޓްކުރުމުގައި ހުރި ދަތިތަކާއެކުވެސް، ބޮޑު އަގުގައި ފްލައިޓްތަކުން ޖާގަ ހޯދައިގެންވެސް ކުންފުނިތަކުން މަސް ބޭރުކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ހާއްސަ އަގުގައި ތެޔޮ ލިބޭނެ ސަރަހައްދުތައް:
ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ހުޅުމާލެ ޖެޓީ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ އަދި ސ. ހުޅުމީދޫ
މުހައްމަދު އިޝާން
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް