ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި، ކުރިން ވެސް މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، ޕީއެންސީގެ ޓިކެޓު ދޫކޮށްލައްވަން ނިންމަވައިފިއެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.
ސިނާން މީގެ އިރުކޮޅެއް ކުރިން އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އާ ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.
ސިނާން ވިދާޅުވީ، އެ ނިންމުން ނިންމެވި ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއެންސީން ނުކުންނަ ކެނޑިޑޭޓެއް އިންތިހާބު ކޮށްދިނުމަށް އޭނާ ފުރިހަމަ ބައިވެރިވުމާއި އޭނާގެ ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށެވެ.
"އަޅުގަނޑުގެ މި ނިންމުން މިހާރު ޕާޓީގެ ލޮބުވެތި ރައީސަށާއި ލީޑަޝިޕަށް މިހާރުވާނީ ދަންނަވާފައެވެ. އަޅުގަނޑުގެ ނިންމުން ޕާޓީގެ ރައީސާއި ލީޑަޝިޕް އިހްތިރާމާއެކު ވަނީ ބަލައިގެންފައެވެ." ސިނާން ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ، ޕީއެންސީން ކެންޑިޑޭޓެއް ދެއްކިހާ އަވަހަކަށް އެ ކެންޑިޑޭޓަކާއެކު ރައްޔިތުންގެ އަރިހަށް ދާނެ ކަމަށެވެ.
ސިނާން ވަނީ ޕްރައިމަރީގައި އޭނާއަށް ވޯޓު ދެއްވި ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އޭނާގެ އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި ނުކުމެ ޕީއެންސީގެ ކެންޑިޑޭޓް އިންތިހާބުކޮށްދެއްވުން ކަަމަށް ވިދާޅުވިއެވެ.
ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސިނާން ވަނީ ސޮޑާ އަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އޭނާ ކުރެއްވި ޕޯސްޓްގައި ވެސް ވަނީ ސޮޑާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިމަނައިފައެވެ.
އަލީ ޔާމިން
ހިތަދޫ
ހިތަދޫ
ހިތަދޫ