އައްޑޫ ސިޓީ ހިތަދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ "ޑްރަގް ކެފޭ" އެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ޑްރަގް ކެފޭއެއް ކަމަށް ތުހުމަތުކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދުކޮށްފައިވަނީ ސ. ހިތަދޫ، "މައިލޯސިޓީ" ގެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ޑްރަގް ކެފޭ ބަންދުކުރީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށެވެ.
ފުލުުހުން ބުނީ އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ ކަމަށެވެ. އަދި އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ވެސް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
އެ ގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އެގޮތުން އެފަދަ ތަންތަނަށް ހުއްދަ ނުހޯދައި ވަންނަ މީހުންނާއި އެތަނަށް ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހިތަދޫގެ ޑްރަގް ކެފޭއެއް ބަންދުކޮށްފައިވާ އިރު، މިދިޔަ މަހު ވަނީ ފުވައްމުލަކު ސިޓީގައި ހިންގަމުން ދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށްފައެވެ. އެއީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭއެވެ. އެތަން ބަންދުކުރީ 85 ދުވަހަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މާލޭގައި ހިންގި ޑްރަގު ކެފޭއެއް ވެސް ވަނީ ބަންދު ކޮށްފައެވެ.
ހިތަދޫ
ހިތަދޫ
ހިތަދޫ
ކޮމެންޓް