ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު، ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ނޫން ކަމަށާއި، އެ އިސްލާހު ބާތިލު ކަމަށް ކަނޑައެޅޭނެ ހަމައެއްނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ.
ހަމަ އެރޭ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި އަމަލުކުރަން ފެއްޓެވިއެވެ.
ރަައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއް، މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނަސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުން ގެމަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން، ނުވަތަ އެ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީވެސް މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ހާލަތެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސިއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕުރީމް ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އެގޮތުން މި އިސްލާހަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ އާއި އަށް ވަނަ މާއްދާގެ އިތުރުން 26 ވަނަ މާއްދާ އާއި 75 މާއްދާ އާއި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެއް ކަމަށާއި، މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާޙެއް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގަތެވެ.
މި އިސްލާހު ސައްހަ ކަމަށް ކަނޑައެޅޭ ހާލަތުގައި ވެސް، މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އުސޫލުތައް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިރު، މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ގާނޫނުއަސާސީއަށް ގެނައުމަކީ ގާނޫނު އަސާސީގެ ސިޔާދަތާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމާއި، ދެ ނިޒާމުގެ މަސްހުނި ސިފަތައް އެކުލެވޭ ނިޒާމުތައް ހިމެނޭގޮތަށް ހިންގަމުންދާ ނިޒާމުތަކަށް އަމަލު ކުރަމުންދާ ގައުމުތަކުގައި އެންޓި ޑިފެކްޝަން ގާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވައި، މީގެކުރިން 2017 ވަނަ އަހަރު، އެފަދަ ގާނޫނެއް ރައްޖޭގައިވެސް ފާސްކޮށްފައިވާ ކަމަށާއި، އެ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެއީ ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިންއާ ހިލާފު އިސްލާހެއް ކަމަށް އަލީ ހުސައިން ވިދާޅުވެފައިވާތީ، އުއްތަމަ ފަނޑިޔާރު އިއްވެވި ހުކުމްގައި ވިދާޅުވީ އެއީ ގާނޫނު އަސާސީގެ ސިޔާދަތު ރައްކާތެރި ކުރުމަށް އޮންނަ މުހިންމު ޑޮކްޓްރިންއެއް ކަމަށެވެ. ނަމަވެސް ބޭސިކް ސްޓްރަކްޗާއަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމުގެ ބަދަލުގައި އެކަން މަޖިލީހަށް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކަންތައްތަކަށް ބައްލަވައި، މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެެރެއިން، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދުގެ ރައުޔަށް ތާއީދުކުރެއްވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާހެން، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރެއްވީ، އެ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ނޫން ކަމަށާއި ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ ހަމައެއް ނެތް ކަމަށެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް މި އިސްލާހު ހިނގާނެ ކަމަށްވެސް ހުކުމް ކުރެއްވިއެވެ.
ނަމަވެސް މި މައްސަލައިިގައި ފަނޑިޔާރު އާއިޝާ ޝުޖޫން އިއްވެރި ރައުޔު އިއްވެވީ، މި އިސްލާހު ބާތިލު ކުރަންޖެހޭ ކަމަށެވެ. އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އިސްލާމް ދީނުގެ މަސްދަރަކާ ހިލާފުނުވާ ނަމަ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ގާނޫނުއަސާސީގެ ބައެއް ކަމަށެވެ. ނަމަވެސް އެ ރައުޔުގައި މި އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
އިބްރާހިމް ޒަކީ
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް
ކުޑަކުދީން
އަދި ޤާނޫނާ ޚިލާފުކަމަށް ނިންމާނެ. ލޮލް
ސަލީމާ - 2 މަސް ކުރިން