ވޯލްޑް ކަޕާ ދިމާކޮށް ފުޓުބޯޅައިގެ ގަވާއިދަށް ގެނައި އިސްލާހަކާއެކު، ދަނޑުމަތީގައި އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއާ ވާހަކަ ދައްކާއިރު އަނގަމަތީގައި އަތް އަޅާނަމަ، ރަތް ކާޑު ދައްކަން ފާސްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑު (އައިފެބް) އިން ބުނެފިއެވެ.

ވޯލްޑް ކަޕާ ދިމާކޮށް ކާޑުގެ އުސޫލަށް ބައެއް ބަދަލުތައް ގެންނަން ވަނީ ނިންމައިފައެވެ. އެގޮތުން އެ ބަދަލުތަކަކީ ބޮޑަށް ކާޑާ ގުޅޭ ބަދަލުތަކެކެވެ. މިހާރު އުސޫލު ބުނާގޮތުން ސަސްޕެންޝަން މަދުކުރުމަށް ނޮކްއައުޓަށް ދާ ހިސާބުން ރީނދޫ ކާޑުތައް މައާފުވާ ގޮތަށްވެސް ވަނީ ނިންމައިފައެވެ. އެއީ ކުރިން ކުއާޓާ ފައިނަލާ ހަމައަށް އޮންނަ އުސޫލެކެވެ.

އޭގެ އިތުރުން ދެން ނިންމާފައި ވަނީ ރަތް ކާޑުގެ ހާލަތްތަކަށް ގެނައި ދެ ބަދަލެކެވެ. އެފްކޯން ފައިނަލުގައި މޮރޮކޯއާއި ސެނެގާލް ވާދަކުރި މެޗުގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން، ރެފްރީގެ ނިންމުމަކަށް ހިތްހަމަ ނުޖެހިގެން ދަނޑުން ފައިބައިގެން ގޮސްފި ނަމަވެސް މިހާރު ރަތް ކާޑު ދައްކާނެއެވެ.

އޭގެ އިތުރުން ދެން ގެނައި ބަދަލަކީ ދަނޑުމަތީގައި އިދިކޮޅު ކުޅުންތެރިންނަށް އަމާޒުކޮށް ވާހަކަ ދައްކާއިރު، އަނގަމަތީގައި އަތް އަޅައިގެން ދައްކާ ވާހަކަ ނޭނގޭ ގޮތެއް ހަދަން މަސައްކަތް ކުރާނަމަވެސް ރަތް ކާޑު ދެއްކުމަށެވެ.

އެގޮތަށް އެ ނިންމުން ނިންމާފައި ވަނީ ބައެއް ފަހަރު އެކަހަލަ ގޮތަކަށް އަނގަމަތީގައި އަތް އަޅައިގެން އިދިކޮޅު ކުޅުންތެރިޔާއަށް ނަސްލީ ގޮތުން ދިމާކުރުމުގެ ހާދިސާތައް ހިނގާފައިވާތީއެވެ.

އެގޮތުން ދާދިފަހުން ބެންފިކާގެ އާޖެންޓީނާ ވިންގް، ޖިއާންލޫކާ ޕްރެސްޓިއާނީ ވަނީ ރެއާލް މެޑްރިޑްގެ ވިންގް، ވިނީޝިއަސް ޖޫނިއާއަށް އެގޮތަށް އަނގަމަތީ އަތް އަޅައިގެން ދިމާކޮށްފައެވެ. ޕްރެސްޓިއާނީ ނަސްލީ ގޮތުން ދިމާކުރިކަމަށް ތުހުމަތު ކޮށްފައިވާ އިރު، އެ މައްސަލަ ދަނީވެސް ބަލަމުންނެވެ.