އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން އިއްޔެ ބުނީ މި ހަފުތާގެ ހޯމަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި 462 ބުލެޓުގެ އިތުރުން 3437 މަނާ ބޭސްގުޅައެވެ.

އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ނައްތާލާފައިވާ ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

28 އެޕްރިލް 2026: ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތި ނައްތާލުމުގައި ނޫސްވެރިންނާއި އެ ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓު ކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލާ ކަމަށްވެސް ފުލުހުން ބުންޏެވެ.