އެފްރިކާގައި ހުންނަވާފައި ރާއްޖެ ވަޑައިގަންނަވަން ޖެހުނީ އެމްޑީޕީއަށް ވިދިވިދިގެން ތިން އިންތިހާބު ގެއްލުމުން ކަންބޮޑުވެވަޑައިގެން ކަމަށާއި، ގައުމަށް ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިންގެ ތެރެއިން ގަލޮޅު ކަންމަތީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ގާނާގައި ހުންނަވަނިކޮށް ގާތް ބައެއް ގުޅައި، ވިދިވިދިގެން ތިން އިންތިހާބު ގެއްލިފައިވާ ކަމާއި ކައުންސިލް އިންތިހާބު ކައިރިވާ ކަމަށް ބުނެ، ރާއްޖެ ވަޑައިގެންނެވުމަށް ދެންނެވި ކަމަށެވެ.

ރާއްޖެ ވަޑައިގެން ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ކަމަށާއި އެ ކާމިޔާބީއާއެކު ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް މިސްރާބު ހިފާ އިރު، ރައްޔިތުންނަށް ބަދަލުތަކުގެ އެޖެންޑާއެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް. އެހެން ބަޔަކަށް ނުގެނެވޭނެ. އަޅުގަނޑަށް އެކަނި ވާނެ ކަމެއް ނޫން އެއީ، ތިބޭފުޅުންނާއި އަޅުގަނޑާ އެއްވީމާ ވާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބަދަލުތަކާއެކު ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭނެ ކަމަށާއި އެ ބަދަލުތަކާއެކު "ބޮޑު ޖަމްޕް"އެއް ޖެހިދާނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.