އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް، ހަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. ފުލުހުން އޭނާއަށް ކުރަނީ ޖެހުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ވަނީ މުއާޒް ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށްފައެވެ. އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުންވަނީ އޭނާއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުވާ މިންވަރަށް ހެކި ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ސްނެޕް ޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓެއްގެ އިތުރުން މުއާޒުް ހައްޔަރުކުރި ފުލުހުންގެ ބަޔާންތައް ހިމެނެއެވެ.

އެ ހެކިތަކައް ރިއާޔަތްކޮށް ކޯޓުންވަނީ މުއާޒް 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓުގައި މުއާޒް ބުނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންވަނީ އޭނާއާމެދު މާރާމާރީ ހިންގައިފައި ކަމަށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މުއާޒަކީ ބަންދު ރިކޯޑު އޮންނަ މީހެކެވެ.

އާޒިމަށް ހަމަލާދީފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އެ ހާދިސާ ހިނގީ މުޒާހަރާގެ ބައިވެރިން ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށެވެ. ޓީވީތަކުން ވަގުތުން ދައްކަމުން ދިޔަ އެ މަންޒަރުތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ކުރިމައްޗަށް ނުކުތް ޒުވާނަކު ވަނީ ކުއްލި ގޮތަކަށް އާޒިމްގެ މޭގައި ޖަހައި ކޮއްޕާލާފައެވެ. މި ހަމަލާއާ އެކު އެއްވުމުގެ ތެރެއިން ބަޔަކު ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެ، އެ ޒުވާނާ މޭޔަރާ ދުރަށް ޖެއްސިއެވެ.

އެ ވަގުތު އެތަނުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް، މުޒާހަރާގެ އިސްވެރިން ވަނީ އެމީހުންގެ ރުޅިގަނޑު ކޮންޓްރޯލްކޮށް މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ.