ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު އަފީފް ހުސެއިން އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުހައްމަދު އަފީފް ހުސެއިން މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ.

ފެނަކައަށް އާ މެނޭޖިން ޑިރެކްޓަރަކު އައްޔަންކޮށްފައި މިވަނީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ 6 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މަގާމަށް އައްޔަންކުރެއްވި ނަޖާހު ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފަކީ ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަންކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން އަފީފް ވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުތައް ވެސް ފުރުއްވާފައެވެ. އެ މަގާމުތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި މުއައްސަސާތައް ހަރުދަނާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ތައުލީމީ ގޮތުން ބަލާއިރު، އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރެއްވުމުގެ އިތުރުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވެއެވެ. އޭނާއަކީ އިދާރީ ހިންގުމާއި، ރިސްކް މެނޭޖްމަންޓް އަދި އިސްތިރާތީޖީ ކުރިއެރުމުގެ ދާއިރާއިން ފަންނީ ސަނަދުތައްވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.