އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން މޮޅުވެ އަލުން އެއްވަނައަށް ޖެހިލާފައިވާ އިރު، ލިވަޕޫލުން ކުޅުނު މެޗުން މޮޅުވެ އެޓީމުން ހަތަރު ވަނައަށް ޖެހިލައިފިއެވެ.
ރޭ އާސެނަލުން ވާދަކުރީ ނިއުކާސަލްއާ ދެކޮޅަށެވެ. 1-0 ގެ ނަތީޖާއަކުން އާސެނަލުން ނިއުކާސަލް ބަލިކޮށްފައިވާ އިރު، ލިވަޕޫލުން ރޭ ވަނީ ކްރިސްޓަލް ޕެލެސް ކައިރިން 3-1 އިން މޮޅުވެފައެވެ.
މިވަގުތު ތާވަލަށް ބަލާއިރު، ލީގު ޗެމްޕިއަންކަމަށް އަދިވެސް އޮތީ ފޯރި ގަދަކޮށެވެ. އެއްވަނައިގައި އާސެނަލް އޮތީ 34 މެޗުން 73 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ، 33 މެޗުން 70 ޕޮއިންޓާއެކު އޮތް އިރު، އަތުގައި އޮތް މެޗުން މޮޅުވިޔަސް ސިޓީ އެއްވަނައަށް އަރާނީ ފައިދާ ގޯލުގެ ފަރަގުންނެވެ. ފައިދާ ގޯލަށް ބަލާއިރު އާސެނަލަށް ފައިދާ 38 ގޯލް އޮތް އިރު، ސިޓީ އަތުގައި 37 ގޯލް އެބައޮތެވެ.
ޖެހި ގޯލަށް ބަލާއިރުވެސް ސިޓީއަށް އޮތީ ދެ ގޯލްގެ ފަރަގެކެވެ.
ލިވަޕޫލުން ހަތަރު ވަނައަށް ޖެހިލީ 34 މެޗުން 58 ޕޮއިންޓާއެކު ފައިދާ ގޯލްގެ ފަރަގުންނެވެ. ފަސްވަނައިގައި އޮތް އެސްޓަން ވިލާއަށް 34 މެޗުން 58 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމާއި ލިވަޕޫލްގެ ފަރަގަކީ ފައިދާ އަށް ގޯލްގެ ފަރަގެކެވެ.
މެޗުގެ ކުރީކޮޅުގައިވެސް ލިވަޕޫލުން ނުރައްކާކުރި އިރު، އެޓީމަށް ލިބުނު ޕެނަލްޓީއެއް، ވީއޭއާރް ބަލައި ރެފްރީ ވަނީ ކެންސަލް ކޮށްލައިފައެވެ. އޭގެ 10 ވަަރަކަށް މިނެޓް ފަހުން 35 ވަނަ މިނެޓުގައި އެލެކްސެންޑާ އިސާކް ލިވަޕޫލަށް ލީޑު ނަގައިދިނެވެ. އަދި ހާފު ނިމުމުގެ ކުރިން އެންޑްރޫ ރޮބަޓްސަން ލިވަޕޫލަށް ލީޑު ފުޅާވެސް ކޮށްދިނެވެ.
ދެވަނަ ހާފަށް ނުކުމެ ޕެލެސްއިން މެޗަށް އަނބުރާ ވަދެވޭތޯ މަސައްކަތް ކުރެވޭތޯ ބެލި އިރު، ޑެވިއަލް މުނޯޒް ވަނީ އެޓީމަށް އުންމީދުވެސް އާކޮށްދީފައެވެ. އެހެން ނަމަވެސް، މެޗު ނިމެން ދަނިކޮށް ފްލޯރިއަން ވާޓްސް ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލް ޖަހައިފައެވެ.
އާސެނަލުން ރޭ ޕްރެޝަރު މެޗަކަށް ނުކުމެފައިވާ އިރު، އެޓީމުން ވަނީ ކުރީކޮޅުގައި ލީޑުވެސް ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ އެބެރެޗޭ އެޒޭއެވެ. އޭނާ ނުވަވަނަ މިނެޓުގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ.
ކުރީކޮޅުގައި ނިއުކާސަލްގެ ބްރޫނޯ ގިމަރޭޝްގެ ހަމަލާއަކުން ނުރައްކާކުރި އިރު، އަނެއްކޮޅުން އެޒޭގެ އިތުރު ހަމަލާއެއްވެސް ފެނުނެވެ
ދެވަނަ ހާފުގައި އާސެނަލް ސަލާމަތް ކޮށްދޭން ކީޕަރު ޑޭވިޑް ރާޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ޖޯ ވިލޮކާއި ސާންޑްރޯ ޓޮނާލީ އުފެއްދި ހަމަލާތައްވެސް އޭނާ ދިފާއުކުރިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު