ދިވެހިންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް ހޯދަން މަގުތައް މައްޗަށް އެންމެ ގިނަ ލޭ އޮހޮރުނީ އެ މަނިކުފާނުގެ ހަށިކޮޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން އެ ސިޓީގެ ހިތަދޫގައި "ބޮޑު ބަދަލު"ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ބާރަށް ހިނގުން މުހިންމު ކަމަށެވެ.

"އަޅުގަނޑު ގައިގައި ހުރި ލެއަކީ ރީނދޫ ލޭ، މިއަދު ކަނޑާލިޔަސް، އަޅުގަނޑު ގަޔަށް ވުރެ ގިނައިން، އަޅުގަނޑު ގައިންނަށް ވުރެ އިތުރަށް މި ރާއްޖޭގެ މަގުތައް މައްޗަށް ލޭ އޮހޮރުވިފައެއް ނުވާނެ. އެ ލޭގެ ބަދަލަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަމުގައި އުޅެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރެއްވި ނަމަވެސް، އެއީ ޕާޓީގެ ލީޑަޝިޕާ ވާދަކުރައްވަނީ ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ހަމައެކަނި އެ ޕާޓީގެ މެންބަރުންގެ ޕާޓީއަކަށް ވުމުގެ ބަދަލުގައި މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް ވާން ޖެހޭ ކަމަށާއި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ އެއްޗެއް ކިޔައިދީގެން ނޫން ގޮތަކަށް ވެރިކަން ބަދަލުކުރަން އުނދަގޫވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ޖޫން 12 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ނަޝީދާ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.