ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ކުރިން ވެސް މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، ޕީއެންސީގެ ޓިކެޓު ކަށަވަރުކުރައްވައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު މާލެ އާއި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ.

ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސިނާނަށް 226 ވޯޓު ލިބުނު އިރު، ސައީދަށް ލިބުނީ 187 ވޯޓެވެ. ބާތިލުވެފައިވަނީ ނުވަ ވޯޓެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 727 މީހުންގެ ތެރެއިން 422 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 58.04 ޕަސަންޓު މީހުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ. މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައިފައެވެ.

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތިލާފައިނުވާތީ، އެ ޕާޓީގެ ޓިކެޓު ލިބިފައިވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ.