ބ. އަތޮޅު ރަށާ ގުޅިގެން ތިންވަނަ ފަރާތެއްގެ މަސްލަހަތެއް ނުވަތަ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް 2025 ވަނަ އަހަރުގެ 19 އޮކްޓޫބަރުގައި ސިވިލްކޯޓުން ކުރި އަމުރު އެ ކޯޓުން ބާތިލެއް ނުކޮށްދިނެވެ.

މި މައްސަލައަކީ، ބ. އަތޮޅު ރަށާ ގުޅިގެން އެޓޮލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރުމަށް މައުލޫއީ މައްސަލައެއް ހުށަހަޅަން ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދުނު ވެގުތީ އަމުރެކެވެ.

އެޓޮލްސް މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ބ. އަތޮޅު ރަށާ ގުޅިގެން އިތުރު އެހެން ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފެދިދާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް) ގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި ކޯޓު އަމުރު ނެރެދިނުމަށް އެ ފަރާތުން ހުށަހެޅީ، ބ. އަތޮޅު ރަށާ، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލުމުން، އެޓޮލްސް މޯލްޑިވްސް އިން ބިޑް ކާމިޔާބުކުރުމުން އެވޯޑްލެޓާ ދިނުމަށްފަހު، އެފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގައި، މިނިސްޓްރީގެ ފަރާތުން ބައިވެރިވި އިސް ފަރާތުން އެ ރަށަކީ އެޓޮލްސް މޯލްޑިވްސްއަށް ދީފައިވާ ރަށެއް ނޫން ކަމަށާއި، އެރަށުގެ މައްޗަށް އެހެން ފަރާތެއްގެ ހައްގެއް އުފަންވެދާނެ ފަދައަކުން ވާހަކަ ދައްކާފައިވާ މައްސަލައިގައެވެ.

މި އަމުރު ނެރެނުދީފިނަމަ، އެ ފަރާތަށް ލިބިދާނެ ގެއްލުންތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ރަށަކީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކާމިޔާބުކޮށްފައިވާ ރަށަކަށްވާ އިރު، އެ ރަށް އެ ފަރާތުގެ ކިބައިން ވަކިކުރުމަކީ އެ ފަރާތުގެ ވިޔަފާރިއަށް ލިބޭނެ ގެއްލުމެއް ކަމަށާއި، މި މައްސަލައަކީ ވަކި ރަށަކާ ގުޅޭ މައްސަލައަކަށްވާ އިރު، ސީދާ އެ ރަށެއް އަލުން ހޯދުމަކީ، ނުވަތަ ދިނުމަކީ އުނދަގޫކަމެއްކަމަށްވުން، އެއީވެސް އެ ފަރާތުގެ ވިޔަފާރިއަށް ލިބޭ ބޮޑު ގެއްލުމެއް ކަަމަށާއި، އަދި ރަށް ތަރައްގީކުރުމަށް މާލީގޮތުން ވެފައިވާ ތައްޔާރީތަކަކީވެސް ގެއްލުމެއްކަން ވަނީ ފާހަގަކޮށްފައެވެ.

މިއީ އަދި ހުށަހަޅާފައިނުވާ މައްސަލައަކަށްވާތީ، މިއަދުގެ ކޯޓު އަމުރުގައި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި މައުލީގޮތުން ދައުވާ ހުށަހެޅުމަށްވެސް އެޓޮލްސް މޯލްޑިވްސްގެ މައްޗަށް ވަނީ ޝަތުރުކޮށްފައެވެ. އަދި އެ މުއްދަތު ފާއިތުވެއްޖެނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އެމުރުގައި ބުނެފައިވެއެވެ.

މި އަމުރާ މެދު ހިތްހަމަނުޖެހިގެން، އެ ވަގުތީ އަމުރު މުރާޖައާކޮށް ބާތިލުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.

މައްސަލައަށް ބެލުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން ނިންމާފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ގައިރުހާޒިރުގައި އެ މިނިސްޓްރީގެ މައްޗަށް ކޮށްފައިވާ ވަގުތީ އަމުރު މުރާޖައާކޮށް ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅާ ކަމަށެވެ.