ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.
އެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު މާލެ އާއި އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ ފަށައިފައެވެ. މާލޭގައި ވޯޓުލުން ކުރިއަށްދަނީ ކަލާފާނު ސްކޫލުގައެވެ. އަދި ހިތަދޫގައި ވޯޓުލުން ކުރިއަށްދަނީ ހިތަދޫ ސްކޫލުގައެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެއެވެ. އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިވަޑައިގަތް މުހައްމަދު ސިނާން، ވެސް އެ ޕްރައިމަރީގައި ވާދަކުރައްވައެވެ. ސިނާންގެ އިތުރުން ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ. މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައިފައެވެ.
އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތިލާފައިނުވާތީ، އެ ޕާޓީގެ ޓިކެޓު ލިބިފައިވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް