ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލައި، އެ މަރުހަލާ ވަރަށް ބޮޑަށް ލުއިފަސޭހަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ހިދުމަތްތައް ޒަމާނީކޮށް ހަރުދަނާކުރުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން، ފަތުރުވެރިންނަށް ވިސާ އިތުރުކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ވަނީ ފަށާފައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ މުހިއްމު ބަދަލުތަކުގެ ތެރޭގައި، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް އަލުން ފުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނޭ ކަމަށެވެ. އެގޮތުން ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑު ފަދަ މައުލޫމާތުތައް މިހާރު ސިސްޓަމުން އަމިއްލައަށް ފުރޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ މީހުންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ހުށަހެޅެން ހުންނާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޕޯޓަލްގައި ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ މީހެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މި މަރުހަލާގައި ހަމައެކަނި ހުށަހަޅަން ޖެހޭނީ ނެގިތާ އަހަރެއް ނުވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ކަމަށާއި ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަލުން ހުށަހަޅަން ޖެހޭނީ ހަމައެކަނި ޕާސްޕޯޓު އާކޮށްފައިވާ ނަމަ، ނުވަތަ ސިސްޓަމްގައިވާ މައުލޫމާތާއި ޕާސްޕޯޓުގައިވާ މައުލޫމާތު ބަދަލުވެފައިވާ ހާލަތްތަކުގައި އެކަނިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަދި ފަތުރުވެރިޔާ ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތުވެސް އަމިއްލައަށް އަޕްޑޭޓް ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ބަދަލާއެކު، ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު ކުޑަވެފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. ކުރިން މި މަސައްކަތަށް ފަސް ދުވަސް ހޭދަވި ނަމަވެސް، އާ ނިޒާމުގެ ދަށުން ދެ ދުވަސް ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ވިސާ މުއްދަތު އިތުރުކޮށް، އެޕްރޫވްކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން