އެމްޑީޕީން މިރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީފިއެވެ.

ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ބޭއްވި ހިނގާލުމުގައި މޭޔަރު އާޒިމް ހުންނެވީ އެންމެ ކުރީ ސަފުގައެވެ.

އެ ހާދިސާ ހިނގީ މުޒާހަރާގެ ބައިވެރިން ހެންވޭރު ސަހަރާ ކައިރިން ހިނގާފައި ދަނިކޮށެވެ. ޓީވީތަކުން ވަގުތުން ދައްކަމުން ދިޔަ އެ މަންޒަރުތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ކުރިމައްޗަށް ނުކުތް ޒުވާނަކު ވަނީ ކުއްލި ގޮތަކަށް އާޒިމްގެ މޭގައި ޖަހައި ކޮއްޕާލާފައެވެ. މި ހަމަލާއާ އެކު އެއްވުމުގެ ތެރެއިން ބަޔަކު ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެ، އެ ޒުވާނާ މޭޔަރާ ދުރަށް ޖެއްސިއެވެ.

އެ ވަގުތު އެތަނުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނު ނަމަވެސް، މުޒާހަރާގެ އިސްވެރިން ވަނީ އެމީހުންގެ ރުޅިގަނޑު ކޮންޓްރޯލްކޮށް މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތް ކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ) ވަނީ މޭޔަރު އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޒިމަށް ދިން ހަމަލާ މިހާރުން މިހާރަށް ތަހުގީގު ކުރަންޖެހޭ ކަމަށާއި، މޭޔަރަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.