ދޮންދަރިފުޅާ ބެހުނު މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، 2025 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އުމުރުން 11 އަހަރުގެ ދޮންދަރިފުޅަށް، ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2025 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެ ކުއްޖާގެ ދޮންބައްޕަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މައްސަލައެކެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމުން އޭނާގެ 15 ދުވަހަށް ބަންދު ކުރުމަށް ހއ. މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ. އެއަށްފަހު މައްސަލަ ތަހުގީގު ކުރުމަށް އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރު ކުރުމަށް ފަހު، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށްފަހު، ކޯޓަށް ހުށަހަޅައިގެން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން 17 ޖޫން 2025 ގައި ކޯޓުން އޭނާ ބަންދު ކުރަން އަމުރު ކުރިއެވެ.

ނަމަވެސް އޭނާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށްވުމާ އެކު ގާނޫނުގައިވާ ގޮތުގެ މަތިން އޭނާ ކުށްވެރިވާކަން ނުވަތަ ނުވާނަކަން ބަޔާން ކުރުމަށާއި ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ ފަރާތެއްތޯ ދެނެގަތުމަށް އޭނާގެ މެޑިކަލް އެގްޒެމިނޭޝަނެއް ހަދައި ދިނުމަށް އޭނާގެ ފަރާތުން އެދުމުން 2025 ވަނަ އަހަރުގެ 22 ސެޕްޓެމްބަރުގައި އެ ޓެސްޓް ހެދުމަށް ދަށު ކޯޓުން އަމުރު ކުރިއެވެ.

އެއަށްފަހު އެ ޓެސްޓްތަކާއެކު، ހެތްކަށް ނުފޫޒު ނުފޯރުވުމަށް ޝަރުތުކުރުމާއެކު، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބަޔާންކޮށް ނަފްސާނީ ބަލީގެ ފަރުވާ ހޯދުމަށް ބަންދުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށް މިދިޔަ ފެބްރުއަރީ މަހުގެ 26 ގައި އޭނާ ބަނދުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރު ކުރިއެވެ.

ނަމަވެސް އޭނާ ބަންދުން ދޫކޮށްލި ދޫކޮށްލުމަކީ ގާނޫނާ އެއްގޮތަށް ކުރިކަމެއް ނޫން ކަމަށް ބުނެ، އެ ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން، ހުކުމް ކުރީ އެނާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލް ކަމަށެވެ. ދެ ދުވަހުގެ ތެރޭގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށް ދިނުމަށް އެދި ޕީޖީ އޮފީހުން ދަށު ކޯޓަށް ހުށަހަޅައިފި ނަމަ، ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދު ކުރުމާ މެދު ގޮތެއް ކަނޑަައަޅަން ވެސް ދަށު ކޯޓަށް ހައިކޯޓުން އަންގާފައިވެއެވެ.