ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއެކު، މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބުލީކުރުމާއި އާއްމު އިޖުތިމާއީ އާންމު މިންގަނޑާއި ހިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށްދާއިރު، ބޭނުންވަނީ މިފަދަ ކުށްތަކަށް އެންމެ ހަރުކަށި ފިޔަވަޅު ދިނުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ބުލީގެ ހުއްޓުވަން މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.