ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި އަންހެން މީހާ މަރުވުމުގެ ކުރިން ފުލުހުންނަށް ގުޅި ކަމަށް ބުނެ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަަތަކެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 8:40 ގައި އެ އަންހެން މީހާގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވިކްޓިމް ސަޕޯޓްގެ ވައިބާ ނަންބަރަށް މެސެޖެއް ލިބުނު ކަމަށާއި 8:49 އާ ހަމައަށް ވިކްޓިމް ސަޕޯޓުން އޭނާއަށް ޖަވާބު ދިން ކަމަށެވެ. އަދި އެ މެސެޖަށް އޭނާގެ ފަރާތުން ޖަވާބެއް އައީ 8:50 ގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެރޭ 8:53 ގައި ދެ މެސެޖު ކުރި ކަމަށާއި އޭނާ ރަނގަޅު ކަމަށާއި 8:56 ގައި ބޭރަށް ދާ ކަމަށް ބުނެ މެސެޖު ކުރި ކަމަށެވެ.
"އެ ހިސާބުން ދެން އެއްވެސް މެސެޖެއް ނުލިބި ހަމަ އެރޭ 12:38 ގައި އެ ލައިނަށް މެސެޖެއް މި އަންނަނީ "އައިއެމް ގޯން" ހަމަ އެ ވަގުތުން ފެށިގެން ފުލުހުން ރެސްޕޮންޑުކުރި 12:42 ގައި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަރުވި މީހާގެ ފަރާތުން ފުލުހުންގެ އެފްސީޕީޑީއާއި 911 އަށް އެކި ފަހަރުމަތިން ގުޅަން މަސައްކަތްކުރި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަމުން އަންނަ ކަމަށެެވެ.
"މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް. ފުލުހުންގެވެސް އަދި ސަރުކާރުވެސް މިބާވަތުގެ އެއްވެސް ނަންބަރަކަށް މި ނަންބަރުން އަދި އެ ކުއްޖާވެސް ގުޅާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވިކްޓިމް ސަޕޯޓުން އެންމެ ފަހުން ފޮނުވި މެސެޖަށް އަންހެން މީހާ ޖަވާބު ނުދީ އޭނާ އޮފްލައިންވުމުން 1:03 ހާއިރު ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ފުލުހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން 1:08 ހާއިރު ދަނާލަށް ވަދެފައިވާ ކަމަށާއި އެ އަންހެން މީހާ ދިރިއުޅުނު ކޮޓަރި ދެނެގަނެވުނީ 1:32 ހާއިރު ކަމަށެވެ.
"އޭގައި 1:32 އާ ހިސާބަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އެގަޑީގައި ދަންވަރުގެ ވަގުތު ވީމަ އެގަޑީގައި އެތާ ތިބި، ހުރި މުވައްޒަފެއްގެ ފަރާތުން ލިބުނު އެހީތެރިކަމާ އަދި އެ މުވައްޒަފު ގުޅަންޖެހޭ ފަރާތްތަކަށް ގުޅައިގެން އެ މައުލޫމާތު ހޯދުމަށް ދިޔަ ވަގުތު ގޮސްފައިވަނީ" ދަނާލުގެ ކޮޓަރިއަށް ވަދެވުން ލަސްވި ސަބަބު ސާފުކޮށްދީ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުން އެ ކޮޓަރިއަށް ވަނީ ފެންލައިޓުން ކަމަށެވެ. އަދި މަރުވި މީހާއަކީ މީގެ ކުރިންވެސް ފުލުހުންގެ އެހީ ހޯދައިފައިވާ މީހެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެތެރޭގެ ރިވިއުއެއް ހިންގާނެ ކަމަށާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަ ބަލާނެ ކަމަށެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން