ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ކުރިއެރުމެއް ލިބި، ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިރޭ ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެސްޓީއޯއިން ބުނީ އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުން ކަމަށެވެ.
ތެލުގެ އަގު އުފުލުމާއެކު، ބަންކަރިންގެ ހިދުމަތް ހިމެނޭހެން އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރު މި ކުއާޓަރުގައި ވަނީ 27 ޕަސަންޓް އިތުރުވެފައިކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ކުރަމުންދާ އެހެނިހެން ދާއިރާތަކުގެ ވިޔަފާރިތައްވެސް ރަނގަޅުވެފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ކުއާޓަރުގައި ލިބުނު 785 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 ޕަސަންޓުގެ ކުރިއެރުމެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
ކުންފުނި ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށާއި މިއީ ކުރީ ކުއާޓަރަށްވުރެ 14 ޕަސަންޓް އިތުރު އަދަދެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ވަނީ ލިބިފައިކަން އެސްޓީއޯއިންވަނީ ފާހަގަކުރެވިފައެވެ. މިއީ 20 ޕަސަންޓުގެ ކުރިއެރުމެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް ކެނޑުމަށްފަހު، ކުންފުނީގެ ސާފު ފައިދާއަކީ 276 މިލިއަން ރުފިޔާކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނިގޮތުގައި ކުންފުންޏަށް އެފަދަ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ވިޔަފާރީގެ އެންމެހާ ބައިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ. އެހެންކަމުން އެ ފަރާތްތަކަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ