ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ހެޔޮ އަގުގައި، އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން، ކުރިން 26 ބާވަތަކަށް ބަހާލެވިފައި އޮތް އަސާސީ ލިސްޓު މިހާރު ވަނީ 80 ބާވަތަކަށް ބޮޑުކޮށްފައެވެ. މި ނިންމުމުގެ ބޭނުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މި ނިންމުމާ ގުޅިގެން، އެސްޓީއޯއިން މިހާރު ވަނީ މި 80 ބާވަތް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފަށައިފައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް މި ބާވަތްތައް އެސްޓީއޯއިން ކަނޑައަޅާ އަގުތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މި ސިޔާސަތުގެ ދަށުން، އެސްޓީއޯ އިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް ވިއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ. މިއީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ބާރުވެރިކުރުވާނެ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އަލަށް ކަނޑައަޅާފައިވާ 80 ބާވަތުގެ ތެރޭގައި 20 ބާވަތެއްގެ މޭވާ، 20 ބާވަތެއްގެ ތަރުކާރީ، ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް، އަދި ކާބޯތަކެއްޗާ ނުގުޅޭ އަސާސީ ތިން ބާވަތް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އިންތިޒާމުގެ ސަބަބުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ. މި މަސައްކަތަކީ ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ބަދަލެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި، ހެޔޮ އަގުގައި ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އޭޖެންޓުންގެ ގޮތުގައި އެކި ރަށްރަށުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓު ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮސްފައެވެ.