ކޯޗުކަމާ ހަވާލުވިތާ އެންމެ ހަތަރު މަސްވެސް ނުވަނީސް، ޗެލްސީން ލިއަމް ރޮސެނިއާ މަގާމުން ވަކިކޮށްފިއެވެ.

ރޮސިނިއާ މަގާމުން ވަކިކުރިކަން ޗެލްސީން ވަނީ ދެންމެ ޔަގީން ކޮށްދީފައެވެ. ރޮސެނިއާ ފޮނުވާލަން ޗެލްސީން ނިންމާފައި ވަނީ ފޯމު ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށެވެ. އެގޮތުން ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ އިރު، އެޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދަންވެސް އޮތީ އުނދަގޫ މަގެކެވެ.

އެންމެފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ޗެލްސީ ބަލިވެފައިވާ އިރު، އެންމެފަހުން ރޭ ކުޅުނު މެޗުގައި ބްރައިޓަން ކައިރިން ބަލިވެފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިވަގުތު އެޓީމު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއީ ފަސްވަނައިގައި އޮތް ލިވަޕޫލަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. ލިވަޕޫލް އަތުގައި އަދި އެއް މެޗުވެސް އެބައޮޔެވެ.

އުމުރުން 41 އަހަރު ރޮސެނިއާ ޗެލްސީއާ ހަވާލުވީ 2032 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދައިގެންނެވެ. އޭނާގެ ކުރިން ޗެލްސީ ކޯޗުކަމުގައި ހުރީ އެންޒޯ މަރެސްކާއެވެ.

ޗެލްސީން އެންމެފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ސަޕޯޓަރުން ވަނީ ކޯޗު ރޮސެނިއާ ބޭރުކުރަންވެސް ގޮވާލައިފައެވެ.