އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލުމަށް ވެވުނު އެއްބަސްވުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފައެވެ. މިދެންނެވި މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އާ ނިންމުމެއް އިއުލާނުކޮށްފައެވެ. ބުންޏެވެ. ހަނގުރާމަ މެދުކަނޑައިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފީމެވެ. މިހާރު ވަކި މުއްދަތެއް ނެތެވެ. އެކަމަކު އީރާނުގެ ބްލޮކޭޑަށްވެސް ނިމުމެއް ނެތެވެ. އީރާނުގެ ބަނދަރުތަކަށް ވަނުމާއި ނުކުތުން މަނަލެވެ. އެކަންތައް ނިމުމަކަށް ގެންނާނީ އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވެގެން މަޝްވަރާގެ މޭޒުދޮށަށް އީރާނު ހާޒިރުވީމައެވެ. މަޝްވަރާތަކުން ނަތީޖާއެއް ނެރެވުނީމައެވެ. ޓްރަމްޕުގެ މިވާހަކައިން އެނގުނު އެއްޗަކީ ހަނގުރާމަ މެދުކަނޑައިލުމުގެ މުއްދަތު މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ހަމަވިޔަސް އަލުން ހަނގުރާމަ ފެށުމުގެ ވިސްނުމެއް އޭނާގެ ކިބައިގައި ނެތްކަމެވެ. އޭނާގެ ކިބައިގައި އޮތީ އާ އެހެން ވިސްނުމެއް ކަމެވެ.
ޓްރަމްޕުގެ މިހާރުގެ ވިސްނުމަކީ ކޮބައިބާވައެވެ. އެވިސްނުމަކީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެން، އިގްތިސާދު ފުނޑާލައިގެން، މަޖުބޫރީ ހާލަތަކަށް ވައްޓާލައިގެން އީރާނު ލައްވައި ކަންކަމަށް އެއްބަސްކުރުވުމެވެ. ދެންއޮތީ ޓްރަމްޕުގެ މި އުކުޅުތަކާމެދު އީރާނުން ދެކޭގޮތާއި ބުނާ އެއްޗެއް ބެލުމެވެ. އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީ ވިދާޅުވިއެވެ. އީރާނުގެ ބަނދަރުތައް ބްލޮކް ކުރުމަކީ ހަގުރާމައިގެ އަމަލެކެވެ. އަދި ހަގުރާމަ މެދުކަނޑައިލުމަށް ވެވުނު އެއްބަސްވުމާވެސް ޚިލާފު ކަމެކެވެ. ޓްރަމްޕުގެ ސިޔާސަތަކީ ބުލީކުރުމެވެ. ބުލީކޮށްގެން ކަންކަން ކުރުވުމެވެ. އެއީ އީރާނުގެ ކުރިމަތީގައި މަސައްކަތް ކުރާނެ ސިޔާސަތެއް ނޫނެވެ. ބުލީކުރާބަޔަކާ ދެކޮޅަށް ކުރާނޭ ކަންކަމާއި އަޅާނޭ ފިޔަވަޅުތައް އީރާނަށް އެނގެއެވެ. ބަޔަކު ބުލީ ކުރަންޏާ ހަށިރައްކަލަށް ހަދާންޖެހޭ އެންމެހައި ފަންޑިތަ އީރާނަށް އެނގެއެވެ. ކޮންމެއަކަސް ޓްރަމްޕުގެ ވާހަކަތަކަށް އީރާނުން އެއޮތީ ސާފު ރައްދަކާއި ސާފު ޖަވާބެއް ދީފައެވެ.
އީރާނުގެ ޖަވާބާއި ރައްދުންވެސް ވަރަށް މުހިންމު އެއްޗެއް ސާފުވެއެވެ. އެކަމަކީ ކޮބައިބާވައެވެ. ހަގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމެެއް މިހާރަކު ނެތެވެ. އެމެރިކާ އޮތީ އެއްބަސްވުން އިރާލައި އޭގެ މައްޗަށް ފައިންއަރައެވެ. އީރާނުގެ ބްލޮކޭޑަކީ ވަރަށް ސާފުކޮށް ހަގުރާމައިގެ އަމަލެކެވެ. އެހެންވީމާ ހަމަލާތަކެއް ބަދަލު ނުކުރެވުނަސް، ބޮންތަކެއް ނޭޅިޔަސް ހަގުރާމަ ދެމިއެބައޮތެވެ. ހަގުރާމަ ކުރެވޭގޮތް ތަފާތުވީއެވެ. އީރާނުންވެސް ދެން މިހަގުރާމަ ކުރާނީ އައު ގޮތަކަށެވެ. އެކަން ކުރުމުގެ ޕްލޭނެއް އެބައޮތެވެ. ގަލްފުގައި ހަމަލާތަކެއް ބަދަލު ނުކުރެވުނަސް ލުބުނާނުގައި އެދަނީ ހަމަލާތަކެއް ބަދަލު ކުރެވެމުންނެވެ. ހަގުރާމަ މެދުކަނޑައިލުމަށް ވެވިފައިވާ ދިހަ ދުވަހުގެ މުއްދަތު ހަމަވުމުގެ މާކުރިންނެވެ. އިޒްރޭލުން ލުބުނާނުގެ ދެކުނަށް އަރައި އެތަން ސުންނާފަތި ކުރަނީއެވެ. ރައްދުގައި ހިޒްބު ﷲ ޖަމާއަތުންވެސް އިޒްރޭލަށް އެދަނީ ހަމަލާތަކެއް ދެމުންނެވެ. އެހެންވީމާ ހަގުރާމަވެސް މުޅިއަކުން ހުއްޓިފައެއް ނެތެވެ.
ހަގުރާމަ މެދުކަނޑައިލުމުގެ މުއްދަތު ހަމަވެގެން އެދިޔައީ އެމެރިކާޔާއި އީރާނާ ދެމެދު މަޝްވަރާތަކުގެ އައުބުރެއް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށޭތޯ މަސައްކަތްތަކެއް ކުރެވެމުން ދަނިކޮށެވެ. ވާހަކަތަކުގައި ބައިވެރިވުމަށް އީރާނުން ކުރިމަތިކުރި ޝަރުތަކީ ބްލޮކޭޑް އުވައިލުމެވެ. އެކަމަށް އެމެރިކާއަކުން އެއްބަހެެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން މަޝްވަރާތަކުގައި ބައިވެރިވާނެ ވަފުދެއް އީރާނަކުން ނުފޮނުވިއެވެ. އެމެރިކާގެ ވަފުދުގެ ވެރިޔާ ޖޭޑީ ވޭންސް ފިޔަވައި އެމެރިކާގެ ހުރިހާ މަންދޫބުން ތިބީ އިސްލާމްއާބާދުގައެވެ. މިހާރުވެސް ތިބީ އެތާގައެވެ. ސްޓީވް ވިޓްކޯފާއި ޖަރެޑް ކުޝްނާރ ހިމެނޭ ގޮތުންނެވެ. ޕާކިސްތާނުން އަދިވެސް ގެންދަނީ ފަރުދާގެ ފުރަގަހުގައި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންވީމާ މަޝްވަރާތަކުގެ އައުބުރެެއް އަދިވެސް ބޭއްވުމުގެ ފުރުސަތު މުޅިއަކުން ނުގެއްލެއެވެ. އެ ފުރުސަތު އަދިވެސް އެބައޮތެވެ. ބްލޮކޭޑް އުވާލައިފީމޭ އެމެރިކާއިން ބުނާއިރަށް އީރާނުން މަޝްވަރާގެ މޭޒުދޮށަށް ހާޒިރުވެދާނެއެވެ.
ހަމަލާތައް ހުއްޓާލައިގެން ތިއްބަކަސް ދެފަރާތުންމެ ހުއްޓާނުލައި ކުރިއަށް ގެންދާކަމެއް އެބައޮތެވެ. ހަގުރާމައިގެ އައު ބުރަކަށް ތައްޔާރުވުމެވެ. އެގޮތުން އެމެރިކާއިންވެސް މެދުއިރުމައްޗަށް އައު ހަތިޔާރާއި ސިފައިން ގެންދަނީ ޖަމާކުރަމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައެވެ. އެފަރާތުން ބުނެފައިވަނީ ގުދަންތައް ފުރެންދެން ހަތިޔާރު ޖަމާކޮށްފި ކަމަށާއި ހަމަލަތައް އަލުން ފަށަންވީއޭ ޓްރަމްޕު އަންގާއިރަށް ހަގުރާމައިގެ އައުބުރެއް ފަށަން ލަޝްކަރުވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަނެެއްކޮޅުން އީރާނުވެސް އެއޮތީ އެކަމަށް ތައްޔާރު ވެގެންނެވެ. އީރާނުގެ އިންގިލާބީ ގާޑުން ބުނެފައިވަނީ މީގެކުރިން ބޭނުން ނުކުރާ އައު ހަތިޔާރުވެސް ދެން ބޭނުންކުރާނެ ކަމަށާއި ދުޝްމަނުން ހައިރާންކޮަށްލާނެ ކަމުގައެވެ. ހަގުރާމައިގެ އައު ބުރަކަށް ތައްޔާރުވުމުގެ އިތުރުން އެންމެފަހުގެ ހަގުރާމައިގައި ހަލާކުވި ތަންތަންވެސް ވަރަށް ހަލުވި ސްޕީޑެއްގައި އީރާނުން ގެންދަނީ މަރާމާތު ކުރަމުންނެވެ.
އިޒްރޭލާއި އެމެރިކާއިން ވަނީ އީރާނުގެ ދޮޅުހާހަށްވުރެ ގިނަ ސްކޫލްތަކަށް ބޮންއަޅައިފައެވެ. ޔުނިވަރސިޓީ ކޭމްޕަސް ކަމުގައި ހިމެނޭ ސަތޭކައަށްވުރެ ގިނަ ތަންތަނަށްވެސް ބޮންއަޅާފައިވެއެވެ. އީރާނުން ބުނެފައިވަނީ އޭގެތެރެއިން ގިނަ ތަންތަން މަރާމާތުކޮށް އަލުން ހުޅުވައި ކިޔަވައިދޭންވެސް ފަށާފައިވާ ކަމުގައެވެ. ހަގުރާމައިގެ އައު ބުރެެއް އަލުން ފެށިއްޖެނަމަ ގަލްފުގެ އަރަބި ގައުމުތަކަށް އީރާނުން ހަމަލަދޭނެ ބާވައެވެ. އެކަމާމެދު އީރާނުން ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލަދެނީ އެއިން ގައުމެއްގެ ސަރަހައްދު ބޭނުންކޮށްގެންކަމަށް ނުވާނަމަ ގަލްފުގެ އެއްވެސް ގައުމަކަށް އީރާނުން ހަމަލައެއް ނުދޭނެ ކަމުގައެވެ. އީރާނުން ރައްދުދޭނީ އެއިން ގައުމެއްގައި ތިބެގެން އެމެރިކާ ސިފައިން އީރާނަށް ހަމަލަދީފިނަމަ ކަމުގައެވެ. އެގޮތަށް ހަމަލަދީފިނަމަ ސައުދީއެއް، ގަތަރެއް، ޔޫއޭއީއެއް، ކުވޭތެއް، ބަހުރޭނެއް، އޮމާނެއް ނުބަލާނެ ކަމަށާއި ހަމަލަ ފޮނުވައިލާ ތަނަކަށް ރައްދު ހަމަލަވެސް އަމާޒުކުރާނޭ ކަމުގައެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ