ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ޓާމިނަލްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވީއައިއޭގެ ދެވަނަ ޓާމިނަލްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތުކުރުމަށް މާދަމާއިން ފެށިގެން މިމަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00 އަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން، މަސައްކަތް ކުރިޔަށްގެންދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ގެންނަ މުހިންމު ބަދަލުތަކުގައި ޑޮމެސްޓިކް ޓާމިނަލުން ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓް އެކެއް އަދި ދޭއް އަށެވެ. މި ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެ ކަމަށެވެ.

އެމްޓީސީސީ ބަހުގެ އިންޓާނަލް ބަސްރޫޓް އެކެއް (އޭޓީސީއިން އަންނަ ބަސް)ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށެވެ.

މި ބަދަލާއެކު އެއާޕޯޓުގެ އެއްވެސް ޝެޑިއުލަކަށް ބަދަލެއް ނާންނާނެ ކަމަށާއި މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކުރެއެވެ.